ads
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ރައީސް ބައްލަވާލެއްވުން - ފޮޓޯ:އެޗްޑީސީ
ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ވަނީ ބައްލަވާލައްވާފައިވާ ކަމަށެވެ.

މާލެ މީހުންނަށް ގޯތި ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ހުޅުމާލޭގެ ހުޅަނގު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ.

އެޗްޑީސީން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރެއް ގެނެސް އެ މަސައްކަތް ހަލުއިކޮށްފައިވާ ކަމަށެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރިއަށް ދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގައި ހިއްކަން ހަމަޖެހުނު ސަރަހައްދުގެ ތެރެއިން 10 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާފަ އެވެ. ދެވަނަ ބައިގެ ފަސް ހެކްޓަރު ހިއްކާ ނިންމާފައިވާއިރު، މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތް ސަރަހައްދު ހިއްކުމުގެ މަސައްކަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް