ads
އެމްޑީޕީން ބުނީ މިނިވަން ނޫސްވެރިކަމަށް މި ސަރުކާރުން ދަނީ ހުރަސް އަޅަމުން ކަމަށް - ފޮޓޯ:އެމްޑީޕީ
މިނިވަން ނޫސްވެރިކަމަށް މި ސަރުކާރުން ދަނީ ހުރަސް އަޅަމުން: އެމްޑީޕީ
ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް މި ސަރުކާރުން ހުރަސް އަޅަމުންދާ އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބުނެފި އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރާނެ ކަމަށާއި ނޫސްވެރިންނަށް ފުރިހަމައަށް މައުލޫމާތު ދިނުމުގެ ވައުދާ އެކު ކަމަށެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ސަރުކާރުން ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް އެމްޑީޕީން ބުނެ އެވެ.

" ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނޫސްތަކަށާއި، ޓީވީ ސްޓޭޝަންތަކަށާއި އަދި ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުން އިތުރުވެފައިވާކަން މި ޕާޓީން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ. މި އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް ކަމާގުޅުން ހުރި އިދާރާތަކަށް ގޮވާލަން،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ލިބެމުންދާ އިންޒާރުތަކާއި ސަރުކާރުން އަޅަމުންދާ ހުރަސްތަކާ އެކު ވެސް ނޫސްވެރިން ކުރާ މަސައްކަތް ފާހަގަކޮށް އެމްޑީޕީން ވަނީ ނޫސްވެރިންނަށް ޝުކުރު އަދާކޮށްފަ އެވެ. 

" ކުރިއަށް އޮތް ތަނުގައި ވެސް ދެމިތިބެ ވަރުގަދަ ނޫސްވެރިކަމެއް ކުރައްވާނެ ކަމަށް މި ޕާޓީން އުންމީދު ކުރަން" ނޫސްވެރިކަމުގެ ދުވަހު އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.

ޑިމޮކްރަސީގެ ހަތަރު ވަނަ ބާރުގެ ގޮތުގައި ނޫސްވެރިން އަދާކުރަމުންދަނީ ރާއްޖޭގެ ކުރިމަގަށް ބޭނުންތެރި، މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރަމުން އެމްޑީޕީން ބުނީ އެ ޕާޓީގެ ދެ ވެރިކަމުގައި ވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރު ކޮށްދިން ކަމަށެވެ.

އެމްޑީޕީގެ ބަޔާން ނިންމާލާފައި ނޫސްވެރިކަމުގެ މިނިވަންކަމަކީ ތަންމިނަށް ހުޅުވިފައި އޮންނަން ވާނެ ހައްގެއް ކަމަށްވާއިރު އެގޮތަށް ކަންކަން ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އަދި ނޫސްވެރިކަމާއި ނޫސްވެރިންގެ ހައްގުގައި ކުރަމުންދާ ވަކާލާތު ކުރިއަށް އޮތް ތަނުގައި ވަރުގަދަކޮށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމުގެ ހިމާޔާތުގައި ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭނެ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް