ads
އީސީގެ ބައެއް މެމްބަރުން
އެދެނީ އަވަހަށް ގޮސް ވޯޓުލުން: އީސީ
މިފަހަރު ވޯޓު ލާ ވަގުތު އިތުރު ނުކުރާނެ ކަމަށާއި އެދެނީ ވީހާ ވެސް އަވަހަށް ގޮސް ވޯޓުލުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ފުލުހުންނާއި އީސީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވަގުތު އިތުރު ކުރެވެން ނެތް ކަމަށާއި މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ވީހާވެސް އަވަހަކަށް ވޯޓު އަޅަން ދިޔުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.


"ހަވީރު 5:30 ވަންދެން ވޯޓުލުމުގެ ހަރަކާތް ކުރިޔަށް ދާނެ، 5:30 ވެ އެއް މިނެޓުވިޔަސް އެ ފުރުސަތު ލިބިވަޑައިނުގަންނަވާނެ." ފުއާދު ވިދާޅުވި އެވެ. "ވާރޭ ވެހުނަސް، ހޫނު ގަދަ ވިޔަސް 5:30 އަށް ވުރެ ފަހަށް ޖެއްސޭނެ ހަމަ އެއްވެސް ގޮތެއް ނެތް."


ނަމަވެސް 5:30 ގެ ކުރިން ކިއޫ އަށް އަރާ މީހުންނަށް ވޯޓު ލާން ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓު ނިމެން ކައިރިވުމުން ވޯޓު ލާ ގަޑި އިތުރު ކުރެ އެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އީސީން ނިންމާފައި ވަނީ އެއްގޮތަކަށް ވެސް ވަގުތު އިތުރު ނުކޮށް ކުރިން އިއުލާންކޮށްފައި އޮތް ވަގުތަށް ވޯޓު ނިންމުމަށެވެ.

މެޓު އޮފީހުން ލަފާކުރާ ގޮތުގައި މާދަމާ މެންދުރު ފަހު މޫސުން ގޯސްވާނެއެވެ. އެހެންކަމުން އީސީން އެދި ވަޑައިގަތީ ހެދުނު ހެދުނާ ގޮސް ފަރުދީ ޒިންމާ އަދާކޮށް ވޯޓު އެޅުމަށެވެ.

އިންތިހާބުގެ ވޯޓުލުން އޮންނާނީ 8:00އިން 5:30އަށެވެ. ވޯޓުލުން ނިންމާ ގަޑިއަކަށް އެންމެ ފުރަތަމަ ހަމަޖައްސާފައި އޮތީ 4:00އަށް ނަމަވެސް، ވޯޓުލާ ދުވަހު މޫސުން ގޯސްވެދާނެ ކަމަށް ބަލައި، ވޯޓުލާ ވަގުތު އިތުރުކުރަން މަޖިލީސް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީން އެދުމުން ގަޑި އިތުރުކުރީ އެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 284،337 މީހަކަށް ލިބެ އެވެ. އެއީ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.

ފުއާދު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުގައި ވޯޓުު ކުރިޔަށް ދާ ތިން ގައުމަށް އީސީގެ މުވައްޒަފުން ވަނީ ފޮނުވައިފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓަށް ތައްޔާރީތައް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް