އެފްއޭއެމުގެ އިންތިހާބާ ބެހޭ ގޮތުން އަދި އެ އިދާރާގެ އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ފީފާ އަށް ލިބިފައިވާ ޝަކުވާތައް ބަލަން އައި ފީފާގެ ޓީމުގައި ތިން އޮފިޝަލުން ހިމެނޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެއީ ފީފާގެ އޮފިޝަލަކާ އޭއެފްސީގެ ދެ އޮފިޝަލުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓީމުން ރާއްޖޭގެ ކުލަބުތަކާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރަން މިހާރުވަނީ ފަށާފައެވެ.
ނަމަވެސް މި ކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެނގިފައިވާ ގޮތުގައި ފީފާގެ ޓީމުން މާދަމާ ކަމިޝަނަރ އޮފް ސްޕޯޓްސް އާއި ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ބައްދަލު ކުރާނެއެވެ.
ފީފާގެ ޓީމުން މާލޭގައި ބައްދަލުވުންތައް ބާއްވަމުން ދާއިރު، ކޮރަޕްޝަންގެ ހާއްޔަކަށްވެފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ޖިނާއީ ދައުވާ އުފުލި އަންނަނީ މައްސަލައިގެ ޝަރީއަތް ކުރަމުންނެވެ.