އިންތިހާބުގައި ހައިރާން ކުރަނިވި ނަތީޖާ އަކުން ބޮޑު ތަނުން ކުރީގައި އޮތީ ކޮންގްރެސް އެވެ. މާލެ ސިޓީއާ އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއާ ތިނަދޫ ސިޓީއާ ކުޅުދުއްފުށި ސިޓީގެ އަގުލަބިއްޔަތު ވެސް ހޯދީ ކޮންގްރެސް އިންނެވެ.
ފުވައްމުލަކު ސިޓީގެ ހުރިހާ ގޮނޑިއެއް ކޮންގްރެސް އަށެވެ. އައްޑޫގެ ވެސް ދެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއެއް ކޮންގްރެސްގެ ކެންޑިޑޭޓުން ކާމިޔާބު ކުރިއިރު މާލެ ސިޓީން ވެސް ވަރަށް ތަނަވަސް އަޣުލަބިއްޔަރެއް ވަނީ ހޯދާފައެވެ. އަދި ވަރަށް ގިނަ ދާއިރާތަކެއް ގައި ކޮންގްރެސްގެ ކެންޑިޑޭޓުން ވަނީ ކުރި ހޯދާފަ އެވެ. މިއީ ވަރަށް ތާރީހީ / ބޮޑު ކާމިޔާބެކެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރަމުންދާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ސަރުކާރުގެ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީން ވަނީ 20 ވަނަ މަޖިލީހުގެ 66 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.
މި އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރެއްވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވައިގެން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފަސް ކެންޑިޑޭޓަކުވެސް ވަނީ ގޮނޑި ކަށަވަރު ކުރައްވާފަ އެވެ. މި ފަސް ކެންޑިޑޭޓުންނާއެކު ސަރުކާރުގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ އަދަދު 71 އަށް އަރަ އެވެ.
ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރާ އެކު، މަޖިލީހަށް އިންތިހާބުކުރާ 93 މެމްބަރުންގެ ސުޕަ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުންވަނީ 70 ގޮނޑި އެވެ.
އެ އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން 93 ދާއިރާއަކަށް ވާދަކޮށްގެން، ކާމިޔާބުކުރެވުނީ 12 ގޮނޑި އެވެ. މިހާރު ހިނގަމުންދާ މަޖިލީހުގައި އެމްޑީޕީން 65 ދާއިރާއެއް ކާމިޔާބުކުރިޔަސް އެތައް އަހަރެއް ވަންދެން އެ ޕާޓީ ތަމްސީލުކުރި މެމްބަރުންނަށް މިފަހަރުގެ އިންތިހާބުގައި ނާކާމިޔާބުވީ އެވެ.
މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗް ސަރަޙާއްދުގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދެން އޮތީ ގައުމު ތަރައްގީކުރުމަށް ބޭނުންވާ ހުރިހާ މަގެއް މަޖިލީހުގެ ތެރެއިން ކޮށައި ފުރިހަމަކުރުންކަމަށެވެ.
ރައީސް ދެއްވި ޔަގީންކަމަކީ ގެދޮރުވެރިކަމުގެ ހިތި މާޒީ ތާއަބަދަށް ދޫކޮށްލާ، ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށްދިނުމުގެ ވަޢުދު ފުއްދަވާނެކަމެވެ. ހަލާކުވަމުންދިޔަ އިގުތިޞާދު ކޮޅަށްޖެހުމަށް ފާއިތުވި ފަސް މަހު ކުރެވުނު މަސައްކަތް ގިނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަމަށް ބޭނުންވާ ހުރިހާ މަގެއް ކޮށައި ފުރިހަމަކުރުންކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށް މުއްސަނދިކަން އިޙްސާސްކޮށްދިނުމަށްޓަކައި ކުރަން އޮތް މަސައްކަތް ބުރަކަމަށްވެސް ރައީސް ވިދާޅުވި އެވެ.