ads
ރައީސް މުއިއްޒު އަރިހުގައި އަބްދުއްރަހީމް: ވިދާޅުވީ 20 ވަނަ މަޖިލިސް ވާނީ ތަހުޒީބު މުޖުތަމައުގައި އަމަލުކުރާ އުސޫލުން އަމަލުކުރާނެ މަޖިލީހަކަށް ކަމަށް - ފޮޓޯ:ޕީއެންސީ
އާ މަޖިލިހުގައި ކަންކުރާނީ ތަހުޒީބު މުޖުތަމައުގައި ކަންކުރާ އުސޫލުން
އަލަށް އިންތިހާބުވި 20 ވަނަ ރައްޔިތުންގެ މަޖިލިސް ވާނީ ތަހުޒީބު މުޖުތަމައުގައި އަމަލުކުރާ އުސޫލުން އަމަލުކުރާނެ މަޖިލީހަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.


ނިމުނު މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި، ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ މި އިންތިހާބުން ފެނުނީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި ރާއްޖެ އޮންނަން ރައްޔިތުން ބޭނުން ނުވާކަން ކަމަށެެވެ.

ރައްޔިތުން ނިންމި ނިންމުމަކީ މިނިވަން، މުސްތަގިއްލު ގައުމެއް ބިނާކުރުމަށާއި ފުދުންތެރިކަމާ އަދި ތަރައްގީ ބޭނުންވާކަން ހާމަވި ނިންމުމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ހިދުމަތްކުރަން ކުރާ ކަންކަމަށް 20 ވަނަ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"މި ލިބުނު މެޖޯރިޓީ އާއެކު ފެނިގެންދާނީ ތަހުޒީބު މުޖުތަމައުގައި ރައްޔިތުންގެ މަޖިލީހުގައި ކަންކުރާ އުސޫލުން ކަންކުރާތަން. ރައީސް ހިދުމަތް ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނެ މަޖިލީހެއް. އަމާޒު ހިފާނީ ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަން،" ރައީސް މުއިއްޒަކީ ރައްޔިތުންނާ އެކު ކުރިއަށް ދެވޭނެ ވެރިއެއްކަން މިދިޔަ ފަސް މަހުގެ ތަޖުރިބާއަށްފަހު ރައްޔިތުން ގަބޫލުކުރާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކުރަމުން އަންނަ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ސަރުކާރުގެ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ވަނީ 20 ވަނަ މަޖިލިހުގެ 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

މި އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރެއްވިއިރު، ރައީސް މުއިއްޒު ތާއީދު ކުރައްވައިގެން އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި ފަސް ކެންޑިޑޭޓަކު ވެސް ވަނީ ގޮނޑި ކަށަވަރު ކުރައްވާފަ އެވެ. މި ފަސް ކެންޑިޑޭޓުންނާ އެކު ސަރުކާރުގެ ތާއީދާ އެކު ގޮނޑި ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ އަދަދު 71 އަށް އަރަ އެވެ.

މަޖިލިސް އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން 93 ދާއިރާއަކަށް ވާދަކޮށް، ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެކެވެ. ހިނގަމުންމިދާ 19 ވަނަ މަޖިލިހުގައި އެމްޑީޕީން 65 ދާއިރާއެއް ކާމިޔާބުކުރި ނަމަވެސް އެތައް އަހަރެއް ވަންދެން އެ ޕާޓީ ތަމްސީލުކުރި މެންބަރުންނަށް މިފަހަރުގެ އިންތިހާބުގައި ވަނީ ނާކާމިޔާބީ އާ ކުރިމަތިލައްްވަން ޖެހިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް