ads
އޭދަފުށި ދާއިރާގެ މެންބަރު ސަލީމް: ސުޕަ މެޖޯރިޓީ އާއެކު މީހުންނަށް ބިރު ނުދައްކާނެ ކަމަށާއި މަޖިލީހުގެ މައިނޯރިޓީއަށް އިހުތިރާމް ކުރާނެ ކަމަށް ވިދާޅުވި - ފޮޓޯ:ޕީއެންސީ
ސުޕަ މެޖޯރިޓީ އާއެކު މީހުންނަށް ބިރެއް ނުދައްކާނަން: ސަލީމް
ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބިފައިވާ ސުޕަ މެޖޯރިޓީ އާއެކު މީހުންނަށް ބިރު ނުދައްކާނެ ކަމަށާއި މަޖިލީހުގެ މައިނޯރިޓީއަށް އިހުތިރާމް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިންތިހާބުގެ ދުވަސްކޮޅެއް ކުރިން ޖަލްސާތައް މެދުކަނޑާލުމަށްފަހު މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި ސަލީމް ވިދާޅުވީ ނަފުސާނީ މައްސަލަތައް އެންމެ ބޮޑަށް ކުރިމަތިވަމުން އަންނަނީ ސަރުކާރުތައް ހިންގާ ގޮތުން ކަމަށެވެ. އެގޮތުން ސަރުކާރު ހިންގާ ގޮތުގެ ނަތީޖާއެއްގެ ގޮތުން މީހުންގެ ވިސްނުމަށް ބަދަލު އައުމާއި ނިކަމެތިކަން ރައްޔިތުންނަށް ޖެހުމާ އަދި އެ ހާލަތު މެދުވެރިވާ ގޮތްގޮތުން އެ އަސަރު ކުރިމަތިކުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ ސަރުކާރަކުން ވެސް ވިސްނަން ޖެހޭނީ ރައްޔިތުންނާ ދޭތެރޭގައި ކަމަށް ވީނަމަވެސް ކަން ހިނގަނީ އެގޮތަށް ނޫންކަމުން ކަންތައްތައް ގޯހުން ގޯހަށްދާކަން ސަލީމް ފާހަގަކުރެއްވި އެވެ. ސަލީމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ހާލަތު މަދު ބައެއްގެ އަތްމައްޗަށް ބެހިގެން ދިއުމަކީ ނިކަމެތިން ނިކަމެތިވެގެންދާ ކަމެއް ކަމަށެވެ. ވޭތުވެދިޔަ ތަނުގައި ކަންތައްތައް ހިނގާފައިވާ ގޮތުން މަޖިލިހުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި އާރާއި ބާރާއި ނުފޫޒަކީ އެއްވެސް ބައެއްގެ އަތްމަތީގައި އަބަދު އޮންނާނެ އެއްޗެއް ނޫން ކަމަށާއި އާރާއި ބާރު ބޭނުންކޮށްގެން ރައްޔިތުންނަށް ބިރުދައްކައި ނަފުސާނީ ގޮތުން ގެއްލުންދީ ހެދުމުން އާހިރުގައި އޭގެ އަނެއްކޮޅަށް ކަންކަން އެނބުރޭކަން ފެންނަމުންދާ ނަތީޖާތަކުން ސާފުވާ ކަމުގަ އެވެ.

"އާރާއި ބާރަކީ އެއްފަހަރު އައިސްފައި ގެއްލި، ތަނަވަސްކަމާއި މުއްސަނދިކަމަކީ ވެސް އައިސްފައި ގެއްލި، ﷲ އިރާދަކުރެއްވި އަޅަކަށް އެ ކަންކަން ކޮށްދެއްވައި. އަދި ﷲ އިރާދަކުރެއްވި އަޅަކު ނިކަމެތި ކުރައްވައި. ބާރުދެއްވައި، ބާރުގެންދަވައި. އެހެންވީމަ މިއިން އިބުރަތް ލިބިގަނެގެން މީހުންނަށް ޖެއްސުން ކުރުމާއި ނަފުސާނީ ގޮތުން މީހުންނަށް އުދަނގޫކުރުމާއި ނަފުސާނީ ގޮތުން މީހުން ބަލިކަށިކުރުމަކީ އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫން،" ބާރުހުރި ފަރާތްތަކުން މި ކަންކަން ކުރާނަމަ ދުވަހަކުވެސް ގައުމު އިސްލާހު ނުވާނެކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ލިބުނު ސުޕަ މެޖޯރިޓީ އާ އެކީގައި އެއްވެސް ބަޔަކަށް ބިރުދައްކައި، އެއްވެސް ބަޔަކަށް ނަފުސާނީ ގޮތުން ގެއްލުން ނުދޭނެ ކަމަށެވެ. އަދި މަޖިލިހުގައި އޮންނަ މައިނޯރިޓީއަށް އިހުތިރާމުނުކޮށް، އެމީހުން ނަފުސާނީ ގޮތުން ބަލިކޮށްލުމަށް މަސައްކަތް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީން މަސައްކަތް ކުރާނީ ހުރިހާ ބަޔަކަށް އެއްވަރަށް ހިއްސާކޮށްގެން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ވެސް ހުރީ އެގޮތަށް ކަމަށް ސަލީމް ފާހަގަކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކުރަމުން އަންނަ ވަގުތީ ނަތީޖާތަކުން 20 ވަނަ މަޖިލިހުގެ 66 ގޮނޑި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓުން ކާމިޔާބު ކުރެއްވިއިރު، ރައީސް މުއިއްޒު ތާއީދު ކުރައްވައިގެން އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި ފަސް ކެންޑިޑޭޓަކު ވެސް ވަނީ ގޮނޑި ކަށަވަރު ކުރައްވާފަ އެވެ. މި ފަސް ކެންޑިޑޭޓުންނާ އެކު ސަރުކާރުގެ ތާއީދާ އެކު ގޮނޑި ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ އަދަދު 71 އަށް އަރަ އެވެ.

މަޖިލިސް އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން 93 ދާއިރާއަކަށް ވާދަކޮށް، ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެކެވެ. ހިނގަމުންމިދާ 19 ވަނަ މަޖިލިހުގައި އެމްޑީޕީން 65 ދާއިރާއެއް ކާމިޔާބުކުރި ނަމަވެސް އެތައް އަހަރެއް ވަންދެން އެ ޕާޓީ ތަމްސީލުކުރި މެންބަރުންނަށް މިފަހަރުގެ އިންތިހާބުގައި ވަނީ ނާކާމިޔާބީ އާ ކުރިމަތިލައްްވަން ޖެހިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް