ads
ގައުމީ އިނާމު ދިނުމަށް މީގެކުރިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް
2 ދާއިރާ އިތުރުކޮށް، ގައުމީ އިނާމަަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް ދެ ދާއިރާއެއް އިތުރުކޮށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމަށް ފުރުސަތު ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުވާލިއިރު އިތުރުކޮށްފައިވާ ދެ ދާއިރާއަކީ ދިވެހި ގައުމިއްޔަތު ދާއިރާ އާއި ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާ އެވެ.  

ގައުމީ އިނާމާ ބެހޭ ކޮމިޓީން ނެރުނު އިއުލާނުގައި ދިވެހި ގައުމިއްޔަތުގެ ދާއިރާއިން އިނާމު ދިނުމުގައި އެ ކޮމިޓީން ބަލާނެ ރޮނގުތައް ހާމަކޮށްފައިވެ އެވެ. އެއީ:

  • ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުން
  • އިސްލާމީ ގިއުގަނޑުގެ ތެރެއިން އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުން
  • ދިވެހިންގެ އަސާސީ ދެމިތިބުން 
  • ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން އިލްމާއި ވިސްނުމާއި ފަންނިއްޔާތާއި އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ވެހިކުރުން

ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައި ވަނީ އެ މީހަކަށް ލިބިފައިވާ ހާއްސަ ހުނަރެއް ބޭނުންކޮށްގެން، ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި މުޖުތަމައުން ބަލައިގެންފައިވާ ހާއްސަ ހިދުމަތަށާއި ދިވެހި ދައުލަތުގެ ހިމާޔަތުގައި ކޮށްފައިވާ ހާއްސަ ހިދުމަތަށެވެ.

ގައުމީ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައި ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ. އެގޮތުން ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ހަނދާނީ ފިލަޔަކާއި ހަނދާނީ ލިޔުމެކެވެ.

ގައުމީ އިނާމަށް އެދޭ ފޯމާއި ފޯމާ އެކުގައި ހުށަހަޅަން ޖެހޭ ތަކެތި ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށްގެންނާއި ފޯމާއި ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައިގެން ކަމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ބުނެ އެވެ. އެ ކޮމިޓީން ބުނި ގޮތުގައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ނަމަ ހުށަހަޅާނީ، http://apply.presidency.gov.mv އަށް ކަަމުގަ އެވެ. ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ، ރައީސް އޮފީހުގެ ރިސެޕްޝަނަށެވެ.

މި އަހަރު ގައުމީ އިނާމު ދިނުމަށް ހަަމަޖެހިފައި ވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް