ads
ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް: ވިދާޅުވީ ސިޔާސީ ގޮތުން މިހާތަނަށް ޖެއްސެވި އެއްވެސް ހިސާބެއް ކައްސާލާފައި ނުވާ ކަމަށް.
"މިހާތަނަށްް ޖެހި ހިސާބު ދިމާވި، ތަޖުރިބާ އާއެކު އެކަން ކުރަނީ"
ސިޔާސީ ގޮތުން މިހާތަނަށް ޖެއްސެވި އެއްވެސް ހިސާބެއް ކައްސާލާފައި ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބައެއް މީހުން މަލާމާތުގެ ގޮތުން ސިޔާސީ ދާއިރާގެ "ހިސާބު ޓީޗަރު" ގެ ގޮތުގައި ސިފަ ކުރާ އަބްދުއްރަހީމް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ޖެއްސެވި ހިސާބުތައް ވެސް ވަނީ ދިމާވެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދެއްކެވި ވާހަކައެއްގައި އަބްދުއްރަހީމް ވަނީ މަޖިލިސް އިންތިހާބުގައި ސަރުކާރުން 70 ގޮނޑިއަށް ވުރެ ގިނައިން ނަގާނެ ކަމަށް ވިދާޅުވެފަ އެވެ. 

މިިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީން ވަނީ 66 ގޮނޑި ނަގާފަ އެވެ. އަދި އެ ޕާޓީން ތާއީދުކުރި މިނިވަން ކެންޑިޑޭޓުން ހިމަނައިގެން 71 ގޮނޑީގެ ތާއީދު ވަނީ ކޮންގްރެސް ޕާޓީއަށް ލިބިފަ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުުވީ ސިޔާސީ މައިދާނަށް ނުކުންނަވާ މިހާތަނަށް ޖެއްސެވި އެއްވެސް ހިސާބެއް ދިމާނުވެ ނުދާ ކަމަށެވެ. އަދި އެކަން ކުރައްވަމުން ގެންދެވީ ތަޖުރިބާގެ އަލީގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

" ބައެއް ބޭފުޅުން ހަމަ ޕޯޑިއަމެއް އަތު ޖެހުނީމާ ހަމަ ހިތަށް އެރި ވާހަކައެއް ހިތަށް އެރިގޮތަށް ދެއްކިޔަސް އަޅުގަނޑު ޖަހާ ސިޔާސީ ހިސާބު ޖަހަނީ ވަރަށް ރަނގަޅަށްް ބަލާފައި. މިހާތަނަށް އަޅުގަނޑު ޖެހި ސިޔާސީ ހިސާބު ދިމާނުވެ ނޯންނާނެ. ނޯންނާނެ ދިމާނުވެއެއް. ތަޖުރިބާ އާއެކު އެ ވާހަކަ ދެއްކީ، އެއްގޮތަކަށް ވެސް އޯޑިއަންސްގައި ތިބޭ މީހުން ހިތްހަމަޖައްސަން ނޫނީ ނޫސްވެރިޔާއަށް ޖަވާބުދާރީވުމުގެ ގޮތުން ދައްކާ ވާހަކައެއް ނޫން އެއީކީ،" ހިސާބު ޓީޗަރުގެ ނަމުގައި ކުރާ މަލާމާތަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ޕީޕީއެމް އުފެދުނީންސުރެއް މިހާތަނަށް ބޭއްވި ކޮންމެ އިންތިހާބެއްގައި އޭނާ ހުންނަވަނީ ގްރައުންޑްގައި ކަމަށެވެ. އަދި ވޯޓުގެ އަދަދަށް ޖެހި ހިސާބުތައް ވެސް މިހާތަނަށް ހުރީ ދިމާވެފައި ކަމަށާއި އެމްޑީޕީ ވެރިކަމުގައި ބޭއްވި 25 ބައި އިލެކްޝަނުން 22 އިލެކްޝަން ކާމިޔާބުކުރެއްވިކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

" އެއިން ކޮންމެ އިލެކްޝަނެއްގައި އެއްދުވަހު ދެ ރަށެއްގައި ބާއްވާ އިންތިހާބު ފިޔަވާ އެހެން ކޮންމެ އިންތިހާބެއްގައި ގްރައުންޑްގައި ހުރެގެން އަޅުގަނޑު މަސައްކަތް ކުރީ. ހުރިއިރު އަޅުގަނޑު ހުންނާނެ ނަތީޖާ ދިމާކޮށްފައި 2 ވޯޓަށް 3 ވޯޓަށް ކައިރިކޮށްފައި. މިސާާލަކަށް އަޅުގަނޑު ދޭ އަދަދުން ދެ ވޯޓު މަދު ވެދާނެ ފަހަރެއްގައި 2 ވޯޓު އިތުރު ވެދާނެ ތިން ވޯޓު، ގައިމުވެސް 5 ވޯޓަށް ވުރެ ތަފާތުވެފައެއް ނުހުންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

20 ވަނަ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން އަބްދުއްރަހީމް ވަނީ ކާމިޔާބު ކުރައްވާފަ އެވެ. އެ އާއެކު މަޖިލީހުގެ ރައީސް ކަމަށް އޭނާ ވާދަކުރައްވާނެ ކަމަށް ދެކެވޭ ވާހަކަތަކަށްް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމާ މެދު ގޮތެއް ނިންމަވާނީ ރައީސް މުއިއްޒު ކަމަށެވެ.

މަޖިލީހުގެ ރައީސްކަމަށްް އަބްދުއްރަހީމާއި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވެސް ވާދަކުރައްވާނެ ކަމަށްް އަޑުތައް ވަނީ ފެތުރިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް