ads
އަމިއްލަގޮތުން ވާދަކުރައްވާ ނައިފަރު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި ޔާސީން ރައީސް މުއިއްޒާ ސަލާންކުރައްވަނީ
އަމިއްލަގޮތުން ވާދަކޮށް ނައިފަރު ދާއިރާއަށް އިންތިހާބުވި ޔާސީން ޕީއެންސީއަށް
ނިމުނު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކޮށް، ނައިފަރު ދާއިރާއަށް އިންތިހާބުވެ ވަޑައިގެންނެވި ޔާސީން އަބްދުﷲ، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.

ޅ. އަތޮޅު ކައުންސިލުގެ ރައީސްކަން ކުރައްވަމުން އަންނަ ޔާސީން، ނައިފަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައި ވަނީ ޕީއެންސީގެ ޓިކެޓުގައި ނުކުންނެވި ހައްސާން އަލިފުޅު އާ ވާދަކުރައްވައިގެންނެވެ. ހައްސާނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދުކުރެއްވި ކެންޑިޑޭޓު ވެސް މެ އެވެ.

އިންތިހާބުގައި ޔާސީންއަށް 1،038 ވޯޓު ލިބިވަޑައިގެންނެވިއިރު، އޭނާ އާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އަހުމަދު ޔާސިރަށް ހޯއްދެވުނީ 905 ވޯޓެވެ. ހައްސާން ލިބިވަޑައިގެންފައި ވަނީ 880 ވޯޓެވެ. 

ޔާސީން، ކޮންގްރެސް ޕާޓީއަށް ސޮއިކުރައްވާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ ޕާޓީއަށް އޭނާ ސޮއިކުރައްވާފައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ކޮންގްރެސް ޕާޓީގެ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގަ އެވެ.

"ސޮއިކުރެއްވީ، ރައީސް މުއިއްޒު އަރިހުގައި ރައީސް އެދިލެއްވި ގޮތަށް ޝަރުތަކާ ނުލައި. ބޭނުން ވަނީ ނައިފަރަށް ތަރައްގީ [އަދި] ހުއްޓިފައިވާ ނައިފަރު ތަރައްގީ ހަލުއިކޮށް ވައުދުވެފައިވާ ކަންކަން ވަގުތުން ފެށުން،" ޔާސީން ޕީއެންސީއަށް ސޮއިކުރެއްވިކަން ކަށަވަރުކޮށްދެއްވާ އޭނާގެ އިންތިހާބީ އެޖެންޓް، ޒަކަރިއްޔާ ރިމްޒާން އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.

ފެށުނީއްސުރެ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޔާސީން، އަތޮޅު ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފައި ވަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަ އެވެ. ނައިފަރު ފާހަގަކުރެވިފައި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ތާއީދު ބޮޑު ރަށެއްގެ ގޮތުގަ އެވެ. ނިމިދިޔަ ދެ ދައުރުގައި އެ ދާއިރާގެ ގޮނޑި ފުރުއްވާފައި ވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް