
މަޖިލިސް މެމްބަރުކަން ކުރައްވާ ބޭފުޅުންނަށް ދޭ މާލީ އިނާޔަތަކީ ގާނޫނުން ލާޒިމްކުރާ އިނާޔަތެކެވެ. އެގޮތުން އެއް ދައުރު ފުރިހަމަ ކުރައްވާ މެމްބަރުންނަށް މުސާރައިގެ 30 އިންސައްތަ އަދި ދެ ދައުރު ފުރިހަމަ ކުރައްވާ މެމްބަރުންނަށް މުސާރައިގެ 45 އިންސައްތަ ދިނުމަށް ގާނޫނުގައި އޮންނަނީ ކަނޑައަޅާފަ އެވެ.
އެކަމާ ގުޅޭގޮތުން ޝުޖާއު "އެކްސް"ގައި ވިދާޅުވެފައިވާ ގޮތުގައި ކުރީގެ މެންބަރުންނަށް އިނާޔަތް ކަނޑާލުމަށް އޭނާގެ ތާއީދު ފުރިހަމައަށް ލިބޭނެ ކަމުގައެވެ.
މެމްބަރު ކަމަށް ހޮވިވަޑައިގެންފި ނަމަ، މަޖިލިސް މެމްބަރުކަން އެއް ދައުރު އަދާކުރުމުން ލިބެން ޖެހޭ އިނާޔަތްތައް ކަނޑާލުމަށް ވަކާލާތު ކުރައްވާނެ މަޖިލިސް ބަހުސްގައި ވެސް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ. އަދި މެމްބަރުކަމަށް ފަހު ލިބޭ އިންޝުއަރެންސްއަކީ ލިބެން ޖެހޭނެ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެ ބޭފުޅުންނަށް ވެސް އެ އިނާޔަތް ލިބެން ޖެހޭނީ އާއްމުންނާ އެއްވަރަށް ކަމަށް ވަކާލާތު ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން މަޖިލިސް ގޮނޑިއަށް އިންތިހާބުވެވަޑައިގެންފިނަމަ މެމްބަރުންގެ މުސާރަ ކުޑަކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވެފައިވެ އެވެ.
ޝުޖާއު ވިދާޅުވެފައިވާ ގޮތުގައި، ރައީސްކަން ކުރެއްވި ބޭފުޅުންނާއި ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނަށް ލިބޭ ބޮޑެތި އިނާޔަތްތައް ވެސް ކަނޑާލުމަށް ވަކާލާތު ކުރައްވާނެ ކަމުގަ އެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ހެޔޮ ނިޔަތުގައި ވަކާލާތު ކުރައްވާ ހުރިހާ ފަރާތްތަކުން އެ ތިން މަގާމު އަދާކޮށްފައިވާ ފަރާތްތަކަން ލިބޭ އިނާޔަތްތައް އުނި ކުރުމަށް އަޑު އުފުލުމަކީ އެކަމުގެ ހެޔޮ ނިޔަތް އޮތްކަން ހާމަވާނޭ ކަމެއްކަމުގައި ދެކެލައްވާ ކަމަށެވެ.