އެކުންފުނިން ބުނީ ކޮވިޑް-19 އާ ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ވަކި ވަގުތެއްގައި މީހުންނާއި އެއްގަމު އުޅަނދު ނޫޅުމަށް އެޗްޕީއޭ އިން ނިންމާފައި ވާތީ އެކަމާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ.
މިއަދު ހަވީރުން ފެށިގެން ހަވީރު 17:00 އިން ރޭގަނޑު 20:00 ގެ ނިޔަލަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް ވަނީ އަންގާފަ އެވެ. އަދި އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.
މިވަގުތުގައި ބޭރަށް ނުކުމެ އުޅޭ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތްތެރިވާނެ ކަމަށާއި ނަމަވެސް ކުށް ތަކުރާރުކޮށްފިނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މަގު މައްޗަށް ނިކުމެ އުޅުން މަނާ ގަޑިތަކުގެ އިތުރުން ވެސް، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފަ އެވެ.
މާލޭ ސަރަހައްދުގައި މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތު ކަނޑައެޅުމުގެ އިތުރުން އެޗް.ޕީ.އޭގެ ޑިރެކްޓާ ޖެނެރަލް ވަނީ މާލޭގައި ވިޔަފާރި ކުރުމަށް ހުއްދަދެވިފައިވާ ގަޑިތަކަށާއި އިމާރާތް ކުރާ ގަޑިތަކަށް ވެސް ބަދަލުތަކެއް ގެނައުމަށް ނިންމަވާ، އެގަޑިތައް ވެސް އިއުލާން ކޮށްފަ އެވެ.