ads
މުދަލު ޒަކާތުގެ ފައިސާ ހަވާލުކުރަންޖެހޭނީ ދައުލަތާ، ފަޤީރަކާ ނޫން : ހުތުބާ
މުދަލު ޒަކާތުގެ ފައިސާ ނިކަމެއްޗަކަށް ނުވަތަ ފަޤީރަކަށް ދިނުމުގެ ބަދަލުގައި ދައުލަތާ ކަމާއި ގުޅޭ އިދާރާ އާ ހަވާލުކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ފަރުޟު ޒަކާތާއި އިޤްތިސާދާހުރި ގުޅުން މި މައުޟޫގެ މައްޗަށެވެ. 

ހުތުބާގައި ބުނީ މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަކަމަށެވެ. އެގޮތުން ރަމަޟާންމަހު ފިތުރު ޒަކާތް ދެއްކުމުން ފުދުނީކަމަށް ބައެއް މީހުން ދެކޭކަމަށެވެ. އަދި އަނެއް ބަޔަކު ދެކެނީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ، އޭނާ ޒަކާތް ދައްކާކަށް ނުޖެހޭނެކަމަށެވެ. 

މުދަލު ޒަކާތް ދައުލަތަށް ދެއްކުމަށް ދެކޮޅު ހަދާ ބަޔަކު އުޅޭކަންވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ފަގީރަކަށް އެ ފައިސާ ދެއްކުމުން ފުދޭނެކަމަށް އެފަދަ މީހުން ދެކުނުނަމަވެސް ދީނީ އިލްވެރިންގެ ނަޒަރުގައި އެއީ އެންމެ ރަނގަޅު ނޫން ގޮތްކަމަށް ހުތުބާގައިވެއެވެ. އަދި މުދަަލުގެ ޒަކާތް ދައްކަންޖެހޭނީ އެކަމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ އިދާރާއަށްކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.   

" މިފަދަ މީހުން ހީކުރާ ގޮތުގައި ޒަކާތުގެ ފައިސާ ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި، ނިކަމެއްޗަކަށް ނުވަތަ ފަޤީރަކަށް ދިނުމުން ފުދޭނެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި، ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިއްމާއިން ބަރީއަވާނެ. ތާބިޢީ ބޭކަލެއް ކަމުގައިވާ އިބްރާހީމުއްނަޚަޢީ ވިދާޅުވެފައިވެއެވެ. "ވެރިމީހާ ޒަކާތް ނަގައިފިނަމަ، ފަހެ، ތިބާގެ ކިބައިން އެކަމުގެ ޒިއްމާ ކެނޑިގެން ހިނގައްޖެ. ފިގުހު އިލްމުވެރިން ވިދާޅުވާ ގޮތުގައި އޭގެ ސަބަބަކީ ޒަކާތުގެ ހައްގުވެރިން ކަނޑައެޅުމުގެ ޝަރުއީ އުސޫލުތަކާއި އެއުރެންގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ދައުލަތަށް ނުވަތަ ދައުލަތުން ކަނޑައަޅާ އިދާރާއަކަށް." ހުތުބާގައިވެއެވެ.

ޒަކާތް ނެރުމުން އިގްތިސާދަށް ރަނގަޅު އަސަރުކުރާނެކަން ފާހަގަކޮށް އެކަމުން އިގްތިސާދަށް އަންނާނެ ބަދަލުތައްވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިގްތިސާދަށް އަންނަ ލޮޅުންތަކުން ސަލާމަތްކޮށްދީ އިގްތިސާދު ހަމައަކަށް އަޅުވާ ދޭނެކަމަށްވެސް ހުތުބާގައިވެއެވެ.

" ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވޭ. މިގޮތުން، އިޤްތިސާދީ ހީނަރުކަމުގެ ދުވަސްވަރުވެސް މުދާ ގަންނަ ފަރާތްތަކުން އުފެއްދުންތައް ގަތުމަށް ބޭނުންވާ މިންވަރު އިތުރުވެ، އަޑިގުޑަންތަކުން އިޤްތިސާދު ސަލާމަތްވުމަށް މަގުފަހިވޭ." ހުތުބާގައިވެއެވެ.

 ޒަކާތް ނެގުމާއި ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސަވާފައިވާއިރު، ޒަކާތް ދެއްކުމުގެ ޝަރުތުތައް ފުރިހަމަވާ އެންމެހައި ފަރާތްތަކަށް ޒަކާތް ދެއްކުމަށް ހުތުބާގައިވަނީ ގޮވާލާފައެވެ. އަދި ޒަކާތާބެހޭ ޝަރުއީ އަދި އިދާރީކަންކަން އޮޅުން ފިލުވައި ނަފުސު ހޭލުންތެރިކުރުވުމަށްވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.

   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް