ads
އެމްއެންޔޫގެ މައި ކޭމްޕަސް - ޕޮޓޯ: އެމްއެންޔޫ
ވަގުތީގޮތުން މެޑިކަލް ސްކޫލް އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލު ކުރަނީ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މެޑިކަލް ސްކޫލް ވަގުތީގޮތުން އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމައިފި އެވެ.

އެމްއެންޔޫއިން ނެރުނު ބަޔާނެއްގައި ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ހިންގަމުން އައި މެޑިކަލް ސްކޫލް މައި ކެމްޕަހަށް ބަދަލުކުރި ނަމަވެސް، ދާއިމީކޮށް ދަރިވަރުންނަށް ކިޔަވައިދޭނީ މެޑިކަލް ސްކޫލް ހިންގުމަށް ހާއްސަކޮށް ހުޅުމާލޭގައި ތަރައްގީކުރާ ދާއިމީ ކެމްޕަހުގައި ކަމަށެވެ. ވަގުތީގޮތުން އެމްއެންޔޫގެ މެޑިކަލް ސްކޫލް އެ ހޮސްޕިޓަލްގައި ގާއިމުކުރީ 2018 ވަނަ އަހަރު އެވެ.

އެމްއެންޔޫއިން ބުނެފައިވަނީ، މެޑިކަލް ސްކޫލްގެ ވަސީލަތްތައް ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކޮށް އާއްމު ރައްޔިތުންނަށް ކަންކަން ފަސޭހަކުރުމަށް އިތުރު ޖާގަ ބޭނުންވާ ކަމުގައި އެ ޔުނިވާސިޓީން ފާހަގަކުރެ އެވެ.

އެމްއެންޔޫއިން ބުނިގޮތުގައި މެޑިކަލް ސްކޫލްގެ އިންތިޒާމްތައް ޔުނިވާސިޓީގެ މައި ކެމްޕަހުގައި ހަމަޖައްސާނީ، ގެނެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދެވޭ އެއްވެސް ހިދުމަތަކަށް ބުރޫނާރާނެގޮތަށް ކަމުގަ އެވެ. އަދި އެކަމުގެ ވަސީލަތްތައް ޔުނިވާސިޓީއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެ ޔުނިވާސިޓީން މައުލޫމާތުދެ އެވެ.

މީގެއިތުރުން ދަރިވަރުންނަށް ހޮސްޕިޓަލުން ލިބެންޖެހޭ އަމަލީ ތަޖުރިބާތައް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާނެކަމަށް އެމްއެންޔޫއިން ބުނެ އެވެ.

މެޑިކަލް ސްކޫލްގެ ދާއިމީ ކެމްޕަހުގެ މަސައްކަތް ސަރުކާރުން ހުޅުމާލޭގައި ފަށާފައިވާއިރު، އެ މަސައްކަތް ނިމުމުން ކިޔެވުމުގެ ހުރިހާ ކަމެއް އެތަނަށް ބަދަލުކުރުމަށް އެމްއެންޔޫއިން ވަނީ ނިންމާފަ އެވެ.

އެމްއެންޔޫއިން ވަނީ އާއްމުންގެ މަސްލަހަތާ ގުޅިފައިވާ މިފަދަ ކަންކަމުގައި ހަގީގަތް އޮޅޭގޮތަށް ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް