ads
ބީސީސީން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން: ގައުމުގެ ތަރައްގީއަށް ފިކުރީ މުދާ ރައްކާތެރިކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައި - ފޮޓޯ:ބީސީސީ
ގައުމުގެ ތަރައްގީއަށް ފިކުރީ މުދާ ރައްކާތެރިކުރުން މުހިންމު: ބީސީސީ
ގައުމުގެ ތަރައްގީއަށް ފިކުރީ މުދާ ރައްކާތެރިކުރުމަކީ މުހިންމު ކަމެއް ކަމަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީީސީސީ) އިން ބުނެފި އެވެ.
Advertisement

މި އަހަރުގެ ދުނިޔޭގެ ފިކުރީ މުދަލުގެ ދުވަހާ ގުޅިގެން ބީސީސީން ނެރުނު ބަޔާނުގައި ބުނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އީޖާދީ މަސައްކަތްތައް ކުރިއެރުވުމާއި އިގުތިސޯދީ ގޮތުން ތަރައްގީގެ ކުރިބޯށިތައް ހާސިލު ކުރުމަށް ފިކުރީ މުދާ ރައްކާތެރިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ވިޔަފާރިވެރިންނާއި އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން، އުފެއްދުންތެރިކަން ރައްކާތެރި ކުރުމާއި އީޖާދީ ވިސްނުންތަކަށް ހިތްވަރު ދިނުމާއި ވިޔަފާރިކަމުގެ ސަގާފަތެއް އާލާކުރުމަށްޓަކައި ފިކުރީ މުދާ ހިމާޔަތް ކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ގާއިމުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެ ކޯޕަރޭޝަނުން ދެކޭ ކަމަށް ބީސީސީގެ ބަޔާނުގައިވެ އެވެ.

ބަވަނަވެފައިވާ އަދުގެ ޑިޖިޓަލް ދުނިޔޭގައި ފިކުރީ މުދާ ހިމާޔަތްކުރުމުގެ މުހިންމުކަން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންކަން ފާހަގަކޮށް ބީސީސީން ބުނެފައި ވަނީ ފިކުރީ މުދާ ހިމާޔަތް ކުރުމަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން އުފެއްދުންތެރިންނާއި އީޖާދުކުރާ ފަރާތްތަކާއި ވިޔަފާރިތަކަށް އެ މީހުންގެ ހިޔާލުތައް ހަގީގަތަކަށް ހަދައި، އެ ފަރާތްތަކުގެ އީޖާދީ އުފެއްދުންތައް ވިޔަފާރި އުސޫލުން ބޭނުން ކުރުމަށް އިތުުރު ހިތްވަރަކާއި ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދޭ ކަަމަށެވެ. ޕޭޓެންޓް، ޓްރޭޑްމާކް، ކޮޕީރައިޓްސް ނުވަތަ ވިޔަފާރީގެ ސިއްރުތައް ހިފެހެއްޓުމުގައި ފިކުރީ މުދާ ހިމާޔަތް ކުރުމުގެ އުސޫލުތަކުގެ ސަބަބުން އިންވެސްޓްމަންޓްތަކާއި އިގުތިސޯދީ ހަރަކާތްތެރިކަން އިތުރުކޮށްދޭ ކަމަށް ވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެ އެވެ.

"ދިވެހިރާއްޖެ ފަދަ ކުރިއަރަމުން އަންނަ އިގުތިސޯދުތަކުގައި، އެކަށީގެންވާ ގާނޫނުތަކާއި ތަންފީޒީ އުސޫލުތައް ނެތުމާއި، މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކުގެ މެދުގައި އޮންނަ ހޭލުންތެރިކަން ކުޑަވުމަކީ، ފިކުރީ މުދާ ހިމާޔަތް ކުރުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވާ ކަންކަމެވެ. އެހެންކަމުން ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ އަމާޒަކީ އުފެއްދުންތެރިންނާއި އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް ހައްގުވާ ރައްކާތެރިކަން ހޯދައިދިނުމަށް ޓަކައި ފިކުރީ މުދާ ރައްކާތެރި ކުރުމުގެ ގާނޫނުތަކާއި ތަންފީޒީ އުސޫލުތައް ގާއިމުކުރުމާއި ހަރުދަނާ ކުރުމަށް ވަކާލާތު ކުރުމާ އެކު މި ދާއިރާއިން އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތްތައް އިގުތިސޯދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ކުރުމެވެ،" ފިކުރީ މުދާ ރައްކާތެރި ކުރުމަކީ މުހިންމު ކަމެއް ކަމަށް ވީނަމަވެސް، މިއީ ގިނަ ގޮންޖެހުންތަކެއް ހުރި ކަމެއްކަން ފާހަގަކޮށް ބީސީސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ބީސީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަނުގެ މައިގަނޑު އަމާޒަކީ ސަރުކާރުގެ އިދާރާތަކާއި ކަމާ ގުޅުންހުރި ސިނާއަތްތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާ އެކު ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމާއި ފިކުރީ މުދާ ރައްކާތެރި ކުރުމުގެ ތެރެއިން އިގުތިސޯދީ ތަރައްގީއަށް މަގުފަހިވާނެ މާހައުލެއް ބިނާކުރުން ކަމުގަ އެވެ. މިއަދު، އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް ފިކުރީ މުދާ ހިމާޔަތް ކުރެވޭނެ މަގު ތަނަވަސްކޮށް ދިނުމާއި މި ދާއިރާއިން މަސައްކަތްކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވަން އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ބީސީސީން ބުނެ އެވެ.

ދުނިޔޭގެ ފިކުރީ މުދަލުގެ ދުވަސް ފާހަގަކުރަމުންދާއިރު، އީޖާދީ އަދި ފަންނުވެރި މަސައްކަތްތަކާއި އިގުތިސޯދީ ކުރިއެެރުމާއި އިޖުތިމާއީ ކުރިއެރުމުގެ ބާރެއްގެ ގޮތުގައި ފިކުރީ މުދާ ހިމާޔަތް ކުރުމަށް އެންމެން އެއް ރޫހެއްގައި މަސައްކަތް ކުރަން ބީސީސީން ވަނީ އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް