މޯލްޑިވިއަނުން މާލެ އާއި ސްރީ ލަންކާގެ ކޮލޮންބޯ އާ ދެމެދު ދަތުރުތައް އަލުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މި ރޫޓަކީ ލަންކާގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ވަރަށް މުހިންމު ރޫޓެއް ކަމަށެވެ.
މޯލްޑިވިއަން ކުރިއަރުވަން ގިނަ ދަތިތަކެއް އެބަހުރި ކަމަށާއި އެއާލައިން ކުރިއަރުވަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އަމީން ވިދާޅުވި އެވެ. އަދި މި ކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށް ވެސް އަމީން ފާހަގަކުރެއްވި އެވެ.
މޯލްޑިވިއަނުން މީގެ ކުރިން ބުނީ އެ އެއާލައިނުން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ޝެޑިއުލް ދަތުރުތައް ކުރަމުން ގެންދާނެ ކަމަށެވެ. އެހެން އެއާލައިންތަކާ ހިލާފަށް ތަފާތު ޔުނީކް ސެލިން ޕޮއިންޓުތަކެއް އެ އެއާލައިނުގައި ހިމެނޭ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ. މި ދަތުރުތަކުގައި މޯލްޑިވިއަނުން ބޭނުން ކުރާނީ އޭ320 ގެ މަތިންދާ ބޯޓެވެ.
މޯލްޑިވިއަނުން ލަންކާ ދަތުރުތައް ފަށާއިރު، ޓިކެޓުގެ އަގަކީ ދެކޮޅަށް 165 ޑޮލަރެވެ. އަދި ކޮންމެ ފަސިންޖަަރަކަށް 30 ކިލޯގެ ބެގޭޖް އެލަވަންސް ލިބޭނެ ކަމަށާއި ދަތުރުމަތީ ރަނގަޅު މީލް ޕެކެއް ވެސް ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ. އެ އެއާލައިނުން ބުނެފައި ވަނީ އެއްވެސް ގޮތަކަށް އާންމުކޮށް އެއާޕޯޓުތަކުން ނަގާ "'ސަޕްރައިޒް ފީތައް" ނުނަގާނެ ކަމަށެވެ.
މޯލްޑިވިއަނުން ލަންކާއަށް ބޭސް ފަރުވާއަށް ދަތުރުކުރާ މީހުންނަށް ނަވަލޯކާ ހޮސްޕިޓަލުން ގިނަ ފައިދާތަކެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ބައެއް ކަހަލަ ޓެސްޓްތައް ހެދުން ވެސް ހިމެނެ އެވެ.
ނަވަލޯކާއިން ލިބޭ ހިދުމަތްތައް:
- މެޑިކަލް ކޮންސަލްޓޭޝަން އެންޑް މެޑިކަލް ހިސްޓްރީ އިވެލުއޭޝަން (މެޑިކަލް ޑޮކްޓަރަކާ އެކު)
- ބޮޑީ މާސް އިންޑެކްސް ޓެސްޓާއި ވިޝަން ޓެސްޓް
- ދަތުގެ ޗެކްއަޕް ހެދުން
- ކްލިނިކަލް ޑައިޓީޝަން އާއި މަޝްވަރާކުރުން
- ލެބޯޓްރީ ޓެސްޓްތަކުން 15 އިންސައްތަ ޑިސްކައުންޓް (އޯޕީޑީ ބެސިސް)
- އެކްސްރޭއިން 5 އިންސައްތަ ޑިސްކައުންޓް
- ހާއްސަ ޑިސްކައުންޓް ލިބޭ ހެލްތު ސްކްރީނިން ޕެކޭޖްތައް
މި ފްލައިޓުތަކުގައި ހަރަކާތްތެރި ވާނީ ދިވެހި އަދި އިނގިރޭސި ބަސް ދަންނަ ކްރޫންކަން ފާހަގަކޮށް މޯލްޑިވިއަނުން ބުނި ގޮތުގައި މި ދަތުރުތަކުގައި އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމުގަ އެވެ.