ތުރުކީ، ނެދަލެންޑްސް އަދި ސްޕެއިންގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި އެޤައުމުތަކަށް ޗައިނާއިން ގެނައި އެތައް ހާސް ޓެސްޓް ކިޓްތަކަކާ މާސްކްތަކެއް ބޭނުންކުރެވޭ ވަރަށްވުރެ ފެންވަރު ދަށްވުމުން ބޭނުމެއް ނުކުރެވުނެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިމިދިޔަ ހަފްތާ ބަންދުގައި ނެދަލެންޑްސްގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ޗައިނާއިން ގެނައި 6 ލައްކަ ފޭސް މާސްކް ރިކޯލްކޮށް، ސިއްހީ ހިދުމަތް ދޭ ތަންތަނުން އެމާސްކްތައް ނަގާފައެވެ. ޗައިނާއިން އެ މާސްކުތައް ނެދަލެންޑްސް އަށް ގެންގޮސްފައިވަނީ މާޗް މަހުގެ 21 ވަނަ ދުވަހުއެވެ. ނެދަލެންޑްސް ސަރުކާރުން ބުނީ ކޮލިޓީ ކޮންޓްރޯލް ސެޓްފިކެޓެއް އޮތްނަމަވެސް އެ މާސްކްތަކުގެ ފިލްޓަރ މަސައްކަތް ނުކުރާކަމަށާއި، މޫނުމައްޗަށް ރަނގަޅަށް ފިޓް ނުވާ ކަމަށެވެ. އެ ޝިޕްމަންޓްގެ ބާކީ ހުރި ބައި ހޮސްޕިޓަލްތަކަށް ދޫނުކުރަން ވަނީ ނިންމާފައެވެ.
ޗައިނާގެ ކުންފުންޏަކުން ގެނައި ޓެސްޓް ކިޓްތަކެއްގެ ސަބަބުން ސްޕެއިން ސަރުކާރަށްވެސް މިފަދަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. ސްޕެއިން ސަރުކާރުން އެތައް ލައްކަ ޓެސްޓް ކިޓްތަކެއް ޗައިނާއިން އޯޑަރުކޮށްގެން ގެނައި ފަހުން، އޭގެ ތެރެއިން 60 ހާސް ކިޓްތަކުން ކޮރޮނާ ވައިރަސް ދެނެނުގަންނަކަން ފާހަގަވިއެވެ. މިކަމާ ގުޅިގެން ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި ހުންނަ ޗައިނާ އެމްބަސީއިން ކުރި ޓްވީޓެއްގައި ބުނީ އެތަކެތި އުފެއްދި ޗައިނާގެ ޝެންޒެން ބަޔޯއީޒީ ބަޔޯޓެކްނޮލޮޖީ ކުންފުންޏަކީ މެޑިކަލް އުފެއްދުންތައް ވިއްކަން ޗައިނާ ސަރުކާރުން ހުއްދަ ދޫކޮށްފައިވާ ކުންފުންޏެއް ނޫންކަމަށެވެ.
ތުރުކީއިންވެސް ވަނީ ޗައިނާއިން ގެނައި ޓެސްޓް ކިޓްތަކުން ރަނގަޅަށް ކޮރޮނޯ ވައިރަސް ދެނެ ނުގަންނަކަމަށް ބުނެފައެވެ. ވައިރަސް އުފަންވި ޗައިނާއިން މިހާރު ބަލި ކޮންޓްރޯލް ވަމުންދާކަމަށް ބުނެފައިވާއިރު، ޔޫރަޕްގައި ކޮންޓްރޯލެއް ނެތި ކޮވިޑް-19 ދަނީ ފެތުރެމުންނެވެ.