ads
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ: ވިދާޅުވީ ރޯދަ މަހު ބިލު ކުރީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް ކަމަށް - ފޮޓޯ:ސްޓެލްކޯ
ރޯދަ މަހު ބިލު ކުރީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް: ފަހުމީ
ނިމިދިޔަ ރޯދަ މަހު ކަރަންޓު ބިލު ކޮށްފައި ވާނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެެވެ.
Advertisement

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ ކަރަންޓު ބިލު ބޮޑުވުމުގެ ކަންބޮޑުވުން ރައްޔިތުންގެ އެބަހުރި ކަމަށާއި ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެހެން ސަރަހައްދުތަކުގެ ކަރަންޓު ބިލަށް ވެސް ބަދަލު އަންނަމުންދާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވެފައި ވަނީ ރޯދަ މަހަކީ ހަރަދު ބޮޑު މަހަކަށް ވާތީ އާއި އެ މަހު ކުރާ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ގޮތަށް އެ ކުންފުނިން ޑޮމެސްޓިކް ކޮންސިއުމަރުންނަށް ފޮނުވި ބިލުތަކަށް ޑިސްކައުންޓް ދީފައިވާ ކަމަށެވެ. ޖުމްލަ ގޮތެއްގައި ރައީސް ނިންމެވި ނިންމެވުމާ އެއްގޮތަށް ޑިސްކައުންޓު ދެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ރޯދަ މަހުގެ ޕީކާއި އެހެން މަސްތަކުގެ ޕީކް ތަފާތުކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވި ގޮތުގައި އެހެން މަސްތަކުގައި ޕީކް އުޅެނީ ޖުމްލަ ގޮތެއްގައި މެންދުރު 12:00 އިން ފެށިގެން މެންދުރުފަހު 2:00 ނުވަތަ 3:00 އާ ދޭތެރޭގަ އާއި ރޭގަނޑުގެ ވަގުތެއްގައި ކަމުގަ އެވެ. އެހެންނަމަވެސް ރޯދަ މަހުގެ ޕީކް އުޅެނީ ހަވީރު 4:00 އިން ފެށިގެން 6:00 އާ ދޭތެރޭގައި ކަމަށް ފަހުމީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަރަންޓު ބޭނުންކުރާ މިންވަރަށް ބަލާއިރު އެ ކުންފުނިން ބިލު ކޮށްފައި ހުރީ ރަނގަޅަށް ކަމަށެވެ.

"ބައެއް ކޮންސިއުމަރުން ބިލިން ސައިކަލްގައި ފޯލްވެފައި އެބަހުރި ރޯދަ މަސް ތަންކޮޅެއް ކުޑަކޮށް. އެހެންނަމަވެސް ޖުމްލަ ގޮތެއްގައި އަޅުގަނޑުމެން ބަލާލާއިރުގައި ގިނަ އަދަދެއްގެ ކޮންސިއުމަރުންނަށް ބިލު ކުރެވިފައި ހުރީ ރަނގަޅަށް،" ފަހުމީ ވިދާޅުވި އެވެ.

ބިލިން ސައިކަލް ހުންނަ ގޮތުން މާލޭގެ 48،000 ކޮންސިއުމަރުންނަށް ރޯދަ މަސް ފެށޭ ދުވަހު ރީޑިން ނަގާފައި މަސް ނިމޭ ދުވަހު ރީޑިން ނެގުމަކީ ފަސޭހަކަމެއް ނޫން ކަމަށް ފަހުމީ ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ މީހުންނަށް މުސާރަ ލިބޭ ގޮތުންނާއި ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ބިލު ނަގާ ގޮތަށް ބަދަލު ގެނެސްފި ނަމަ ގޮންޖެހުންތައް ހުންނާނެ ކަމަށެވެ.

"ރައްޔިތުންނަށް އެންމެ ބޮޑަށް ލުއިފަސޭހަވާނެ ގޮތަށް އަޅުގަނޑުމެން ބެލީ. ބަލާފައި އެގޮތަށް އަޅުގަނޑުމެން އެ މަސައްކަތް ކުރީ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެވިފައި ހުރީ ރަނގަޅު ޕީކަކަށް. އަދި ބިލަށް ވެސް ބަލާލާއިރުގައި، ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންނަށް ދެވިފައި ހުރީ ރަނގަޅު ޕީރިއަޑަށް،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވަނީ ކަރަންޓު ބިލަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގަން ޖެހޭ ކަމަށާއި ކަރަންޓު ބިލު ކުޑަކުރެވޭނީ ކަރަންޓު އިގުތިސޯދު ކޮށްގެން ކަމުގައި ފާހަގަކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް