ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވިދާޅުވީ ފެނަކައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ރަށްރަށުން ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އެ ކުންފުންޏަށް ލިބެމުންދާ ކަމަށެވެ. އެގޮތުން އެކަން އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ ރޯދަ މަހަށް ފަހުގައި ކުރެވުނު ބިލުން ކަމަށް މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވެފައި ވަނީ އެކަމާ ގުޅިގެން ރީޑިން ނެގުމުގައި މައްސަލައެއް އުޅޭތޯ އާއި ބިލު ކުރަމުން ދަނީ ޔޫއާރުއޯއިން ކަނޑައަޅާފައި މިންގަނޑުތަކަށްތޯ ބެލި ކަމަށާއި އެ ކުންފުނިން ބެލިބެލުމުން ބިލުގެ މަސައްކަތް ކުރެވިފައި ވަނީ ރަނގަޅަށް ކަމަށް އެނގިފައިވާ ކަމަށެވެ. ރޯދަ މަހާ ގުޅިގެން ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވި ކަމަށް މުއާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން އެގޮތަށް ވެފައި ވަނީ ރޯދަ މަހާއި ހޫނު މޫސުމާ ދިމާވުމުން ކަމަށް ފާހަގަކުރެވިފައިވާ ކަމުގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ ފެނަކައިން ރޯދަ މަހުގެ ބިލުން ޑިސްކައުންޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ. ރޯދަ މަހުގެ ބިލުގައި ދެ "ބިލިން ސައިކަލް" އެއް ހިމެނޭކަން ފާހަގަކުރައްވާ މުއާޒު ވިދާޅުވީ އާންމު ގޮތެއްގައި ފެނަކައިން ބިލު ކުރަމުން އަންނަނީ މަހުގެ 25 ފެށިގެން ޖެހިގެން އަންނަ މަހުގެ 24 ވަނަ ދުވަހަށް ކަމަށެވެ. އެހެންކަމުން ފުރަތަމަ ބިލުގައި ހިމެނޭ ރޯދަ މަހުގެ ކުރީގެ ދުވަސްތަކަށް ޑިސްކައުންޓު ދެވުނުކަން މުއާޒު ފާހަގަކުރެއްވި އެވެ.
ކުރީ ބިލުތަކުން ޑިސްކައުންޓު ނުލިބޭ ފަރާތްތަކަށް ވެސް ދެވަނަ "ބިލިން ސައިކަލް" އިން ޑިސްކައުންޓު ލިބޭނެކަން ފާހަގަކުރައްވާ މުއާޒު ވިދާޅުވެފައި ވަނީ އެ ކެޓަގެރީތަކުގައި ނުހިމެނޭ ފަރާތެއް ހުރި ނަމަވެސް، އެ ފަރާތަކަށް މި މަހު ކުރާ ބިލުގައި 10 އިންސައްތައިގެ ޑިސްކައުންޓެއް ހިމެނިފައިވާނެ ކަމަށެވެ. "އެއްވެސް ހާލެއްގައި، ޑިސްކައުންޓު ނުލިބޭ އެއްވެސް މީޓަރެއް ހިމެނިފައެއް ނުވާނެ،" މުއާޒު ވިދާޅުވެފައިވެ އެވެ.