ads
ސްޓެލްކޯގެ އެމްޑީ ފަހުމީ: ވިދާޅުވީ ރޯދަ މަހު އެ ކުންފުނިން ޑިސްކައުންޓުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދިން ކަމަށް - ފޮޓޯ:ރައީސް އޮފީސް
ރޯދަ މަހު ބިލުތަކުން ޖުމްލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓު
ރޯދަ މަހުގެ ބިލުތަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން 45 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދީފައިވާ ކަމަށް އެ ދެ ކުންފުނިން ބުނެފި އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވަނީ ރޯދަ މަހުގެ ބިލަށް ދީފައިވާ ޑިސްކައުންޓުގެ ތަފުސީލު ހިއްސާކުރައްވާފަ އެވެ.

ފަހުމީ ވިދާޅުވީ ރޯދަ މަހަކީ ހަރަދު ބޮޑު މަހަކަށް ވާތީ އާއި އެ މަހު ކުރާ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ގޮތަށް އެ ކުންފުނިން ޑޮމެސްޓިކް ކޮންސިއުމަރުންނަށް ފޮނުވި ބިލުތަކަށް ޑިސްކައުންޓް ދީފައިވާ ކަމަށެވެ. ޖުމްލަ ގޮތެއްގައި ރައީސް ނިންމެވި ނިންމެވުމާ އެއްގޮތަށް ހުރިހާ ޑޮމެސްޓިކް ކޮންސިއުމަރުންނަށާއި އަލަށް ކަރަންޓުލާފައިވާ ގޭބިސީތަކަށް ވެސް ޑިސްކައުންޓު ދެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރަމަޟާން މަހު ޑިސްކައުންޓަށް 20 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ދެވުނު. ފެނާއި ކަރަންޓުން،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވެފައި ވަނީ ބައެއް ކޮންސިއުމަރުންނަށް ބިލު ކުރެވުނުއިރު ރޯދަ މަހު ކުޑަވާ ގޮތަށް ބިލު ކުރެވުނު ނަމަވެސް ގިނަ ކޮންސިއުމަރުންނަށް ބިލު ކުރެވިފައި ވަނީ ރަނގަޅަށް ކަމަށެވެ.

"ބިލިން ސައިކަލް" ހުންނަ ގޮތުން މާލޭގެ 48،000 ކޮންސިއުމަރުންނަށް ރޯދަ މަސް ފެށޭ ދުވަހު ރީޑިން ނަގާފައި މަސް ނިމޭ ދުވަހު ރީޑިން ނެގުމަކީ ފަސޭހަކަމެއް ނޫން ކަމަށް ފަހުމީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މީހުންނަށް މުސާރަ ލިބޭ ގޮތުންނާއި ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ބިލު ނަގާ ގޮތަށް ބަދަލު ގެނެސްފި ނަމަ ގޮންޖެހުންތައް ހުންނާނެ ކަމުގަ އެވެ.

"ރައްޔިތުންނަށް އެންމެ ބޮޑަށް ލުއިފަސޭހަވާނެ ގޮތަށް އަޅުގަނޑުމެން ބެލީ. ބަލާފައި އެގޮތަށް އަޅުގަނޑުމެން އެ މަސައްކަތް ކުރީ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެވިފައި ހުރީ ރަނގަޅު ޕީކަކަށް. އަދި ބިލަށް ވެސް ބަލާލާއިރުގައި، ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންނަށް ދެވިފައި ހުރީ ރަނގަޅު ޕީރިއަޑަށް،" ފަހުމީ ވިދާޅުވި އެވެ.

your imageފެނަކައިގެ އެމްޑީ މުއާޒު: ވިދާޅުވީ ރޯދަ މަހު އެ ކުންފުނިން ޑިސްކައުންޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ ދިން ކަމަށް - ފޮޓޯ:ރައީސް އޮފީސް

މި ބައްދަލުވުމުގައި މުއާޒު ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފެނަކައިން ރޯދަ މަހުގެ ބިލުން ޑިސްކައުންޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. ރޯދަ މަހުގެ ބިލުގައި ދެ "ބިލިން ސައިކަލް" އެއް ހިމެނޭކަން ފާހަގަކުރައްވާ މުއާޒު ވިދާޅުވެފައި ވަނީ އާންމު ގޮތެއްގައި ފެނަކައިން ބިލު ކުރަމުން އަންނަނީ މަހުގެ 25 ފެށިގެން ޖެހިގެން އަންނަ މަހުގެ 24 ވަނަ ދުވަހަށް ކަމަށެވެ. އެހެންކަމުން ފުރަތަމަ ބިލުގައި ހިމެނޭ ރޯދަ މަހުގެ ކުރީގެ ދުވަސްތަކަށް ޑިސްކައުންޓު ދެވުނުކަން މުއާޒު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ ރަމަޟާން މަހުގައި އާންމު ރޭޓުތަކަށް ވުރެ ދަށް ބިލުތައް ވެސް އެބަހުރި. އެހެންވީމަ، އެމީހުންނަކަށް ފުރަތަމަ ޑިސްކައުންޓެއް ނުއެއް ނުލިބޭ. ސަރުކާރުން ދެން ނިންމީ، ޔޫއާރުއޭއިން ވެސް ނިންމީ 10 ޕަސެންޓް ޑިސްކައުންޓު އެ ފަރާތްތަކަށް ދޭން. އެއީ މިހާރު މި ހިނގާ މަހުގައި، މާނައަކީ މާޗު 25 އިން އެޕްރީލު 24 އަށް ބިލުކުރާ ސައިކަލްގައި ހިމެނޭ ބިލުތަކަށް އަޅުގަނޑުމެން 10 ޕަސެންޓް ޑިސްކައުންޓު ދޭނެ،" މުއާޒު ވިދާޅުވި އެވެ.

ކުރީ ބިލުތަކުން ޑިސްކައުންޓު ނުލިބޭ ފަރާތްތަކަށް ވެސް ދެވަނަ "ބިލިން ސައިކަލް" އިން ޑިސްކައުންޓު ލިބޭނެކަން ފާހަގަކުރައްވާ މުއާޒު ވިދާޅުވެފައި ވަނީ އެ ކެޓަގެރީތަކުގައި ނުހިމެނޭ ފަރާތެއް ހުރި ނަމަ، އެ ފަރާތަކަށް މި މަހު ކުރާ ބިލުގައި 10 އިންސައްތައިގެ ޑިސްކައުންޓެއް ހިމެނިފައިވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް