ads
ފެނަކައިގެ އެމްޑީ މުއާޒު: ވިދާޅުވީ ގޭބީސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު ދެނެގަތުމަށް ފަސޭހައަކަށް ސްމާޓް މީޓަރު ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށް - ފޮޓޯ:ރައީސް އޮފީސް
ބިލަށް އަރާ އަދަދު ވަގުތުން ބެލޭނެ ސްމާޓް މީޓަރު ޕްރޮޖެކްޓެއް ފަށައިފިން: ފެނަަކަ
ގޭބީސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު ދެނެގަތުމަށް ފަސޭހައަކަށް ސްމާޓް މީޓަރު ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަރަންޓު ބިލު ބޮޑުވާ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މުއާޒު ވިދާޅުވީ ގޭބީސީތަކުގެ ކަރަންޓު ބިލު ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން މިހާރު ސްމާޓް މީޓަރު ތައާރަފު ކުރުމުގެ ޕްރޮޖެކްޓެއް ފަށައިގެން ކުރިއަށްދާ ކަމަށެވެ. ސްމާޓް މީޓަރާ އެކު ކޮންމެ ދުވަހަކު ވެސް ކަރަންޓު ހޭދަކުރެވޭ މިންވަރު އެނގި، ބިލު ކުޑަކުރަން އެހީއަކަށް ވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފެނަކައިގެ ފަރާތުން މިހާރު ސްމާޓް މީޓަ ޕްރޮޖެކްޓެއް ފަށައިގެން މި އުޅެނީ. މާނައަކީ ކޮންމެ ދުވަހަކު އެގެއިން ކޮންސިއުމް ކުރެވޭ ޔުނިޓުތަކުގެ އަދަދު އެއިރަށް ވަގުތުން ބެލެން ހުންނާނެ. މާނައަކީ މާދަމާ ނިމޭއިރުގައި މިހާރު ބިލަށް އަރާފަ އޮތްވަރު އިނގޭނެ. އެއިރަށް އިނގޭނެ އިތުރަށް ކޮންސިއުމްކުރަން ނޫނިއްޔާ އިތުރަށް އިކޮނޮމައިޒްކުރަން ކަސްޓަމަރުންނަށް، ކޮންސިއުމްކުރާ ފަރާތްތަކަށް. އޭރަށް އިތުރަށް މަގުފަހިވެގެންދާނެ އެބަޔަކު ބޭނުންވާ ލެވެލްއަކަށް ކަރަންޓު ބިލު ބަހައްޓަން. އެކަން އަޅުގަނޑުމެން މިދަނީ ކުރަމުން. ފެނަކައިގެ ފަރާތުން މިހާރު ބައެއް ރަށްރަށުގައި ހަމަ އެއްކޮށް، ދ. އަތޮޅުގައި އަޅުގަނޑުމެން ސްމާޓް މީޓަ ޕްރޮޖެކްޓް ފަށައިގެން ކުރިއަށް މި ދަނީ،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވެފައި ވަނީ، ސްމާޓް މީޓަ ޕްރޮޖެކްޓް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައި ވަނީ ދ. ކުޑަހުވަދޫގައި ކަމަށެވެ. އެ ރަށުގައި މި ޕްރޮޖެކްޓު ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ފެނަކައިން ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކުޑަހުވަދޫގެ ކަސްޓަމަރުންނަށް ކުރިއަސް އޮތްތަނުގައި ސްމާޓް މީޓަރުގެ މެދުވެރިކޮށް ކޮންމެ ދުވަހަކު ބިލަށް އަރާވަރު ބަލާލެވޭނެ ކަމަށް މުއާޒު ފާހަގަކުރެއްވި އެވެ.

އެ ބައްދަލުވުމުގައި މުއާޒު ވިދާޅުވި ގޮތުގައި ފެނަކައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ރަށްރަށުން ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އެ ކުންފުންޏަށް ލިބެމުންދާ ކަމުގަ އެވެ. އެގޮތުން އެކަން އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ ރޯދަ މަހަށް ފަހުގައި ކުރެވުނު ބިލުން ކަމަށް މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ އެކަމާ ގުޅިގެން ރީޑިން ނެގުމުގައި މައްސަލައެއް އުޅޭތޯ އާއި ބިލު ކުރަމުން ދަނީ ޔޫއާރުއޯއިން ކަނޑައަޅާފައި މިންގަނޑުތަކަށްތޯ ބެލި ކަމަށާއި އެ ކުންފުނިން ބެލިބެލުމުން ބިލުގެ މަސައްކަތް ކުރެވިފައި ވަނީ ރަނގަޅަށް ކަމަށް އެނގިފައިވާ ކަމަށެވެ. ރޯދަ މަހާ ގުޅިގެން ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވި ކަމަށް މުއާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ އެކަން އެގޮތަށް ވެފައި ވަނީ ރޯދަ މަހާއި ހޫނު މޫސުމާ ދިމާވުމުން ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފެނަކައިން ރޯދަ މަހުގެ ބިލުން ޑިސްކައުންޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

ރޯދަ މަހުގެ ބިލުގައި ދެ "ބިލިން ސައިކަލް" އެއް ހިމެނޭކަން ފާހަގަކުރައްވާ މުއާޒު ވިދާޅުވި ގޮތުގައި އާންމު ގޮތެއްގައި ފެނަކައިން ބިލު ކުރަމުން އަންނަނީ މަހުގެ 25 ފެށިގެން ޖެހިގެން އަންނަ މަހުގެ 24 ވަނަ ދުވަހަށް ކަމުގަ އެވެ. އެހެންކަމުން ފުރަތަމަ ބިލުގައި ހިމެނޭ ރޯދަ މަހުގެ ކުރީގެ ދުވަސްތަކަށް ޑިސްކައުންޓު ދެވުނުކަން މުއާޒު ފާހަގަކުރެއްވި އެވެ.

މުއާޒު ވިދާޅުވީ ކުރީ ބިލުތަކުން ޑިސްކައުންޓު ނުލިބޭ ފަރާތްތަކަށް ވެސް ދެވަނަ "ބިލިން ސައިކަލް" އިން ޑިސްކައުންޓު ލިބޭނެ ކަމަށާއި އެ ކެޓަގެރީތަކުގައި ނުހިމެނޭ ފަރާތެއް ހުރި ނަމަ، އެ ފަރާތަކަށް މި މަހު ކުރާ ބިލުގައި 10 އިންސައްތައިގެ ޑިސްކައުންޓެއް ހިމެނިފައިވާނެ ކަމަށެވެ. "އެއްވެސް ހާލެއްގައި، ޑިސްކައުންޓު ނުލިބޭ އެއްވެސް މީޓަރެއް ހިމެނިފައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް