ads
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ހަލީލް ވާހަކަދައްކަވަނީ: މި އަހަރު ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށްް ވިދާޅުވި - ފޮޓޯ:މަޖިލިސް
މި އަހަރު ހުރިހާ އަތޮޅު ހޮސްޕިޓަލުތަކެއްގައި ޑައިލިސިސްގެ ހިދުމަތް ފަށަނީ
މި އަހަރު ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށްް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލަށް އޮތް ޑިމާންޑު ކުޑަ ކުރަން އެކި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން އަތޮޅު ހޮސްޕިޓަލްތަކާ އަދި ރީޖަނަލް ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅުކޮށް، އާ ހިދުމަތްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަން ހަލީލް ފާހަގަކުރެއްވި އެވެ.

ހަލީލް ވިދާޅުވެފައި ވަނީ ރީޖަނަލް ހޮސްޕިޓަލުތަކުގައި އެމްއާރުއައި، ސީޓީ ސްކޭންގެ އިތުރުން ޑައިލިސިސްގެ ހިދުމަތް ހުރިހާ އަތޮޅަކަށް ފުޅާކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށިގެން ދާނެ ކަމަށް. ހަމަ އެއާއެކު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫގައި ހުރި ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މި ތަންތަނުގައި ހިދުމަތް ރަނގަޅުކުރުމަށްޓަކައި ހާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ކުރިއަށް އެބަ ގެންދަން،" ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި އަތޮޅު ހޮސްޕިޓަލުތަކާ އަދި ރީޖަނަލް ހޮސްޕިޓަލުތަކަށް ގެނެވޭ މި ބަދަލުތަކާ އެކު، ރަށްރަށުން ފަރުވާއަށް އައިޖީއެމްއެޗަށް އަންނަ މީހުންގެ އަދަދު މަދުކުރެވޭނެ ކަމުގަ އެވެ.

މާލެ ސަރަހައްދުން އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލުގައި ޑައިލިސިސްގެ ފަރުވާ ދެމުން އަންނައިރު، ގިނަ ރީޖަނަލް ހޮސްޕިޓަލުތަކުންނާއި ފުވައްމުލަކާ އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ޑައިލިސިސްގެ ހިދުމަތްދެ އެވެ. މީގެ ދޮޅު އަހަރު ކުރިން ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ވަނީ ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް