ads
އުތުރަށް މޫސުން ގޯސްވެ ޔެލޯ އެލާޓް، ބޯކޮށްވާރޭ ވެހޭނެ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔޭލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން، ސަމާލު ނެރެފައިވަނީ  ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށެވެ. އެއީ މިއަދު މެންދުރު 12:45 އިން ހަވީރު 17:00 ގެ ނިޔަލަށެވެ. މެޓް އޮފީހުން ބުނީ، އެ ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. 

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މުޅި ރާއްޖެއަށް ގުގުރުމާއި އެކު އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ. މިދިޔަ 24 ގަޑިއިރު ތެރެ އެންމެ ބޯކޮށް ވާރޭވެހުނީ ފ. ނިލަންދޫއަށެވެ. އެރަށަށް 56.8 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. 

މި ވިއްސާރާގއި ރޭ ވަނީ މާލެ އަތޮޅު ގުރައިދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެފައެވެ. އަދިވެސް އެރަށުގެ ގަތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު އެންޑީއެމްއޭއިން ބުނެއެވެ. 

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ވިލާގަނޑުގައި ގަދަވާނެ ކަމައްވެސް އެ އިދާރާއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް