ads
ޑިއާރުޕީގެ ދަރަނީގެ މައްސަލަ ހިފައިގެން މައުމޫން ސްޕްރީމްކޯޓަށް
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ދަރަންޏާއި ގުޅިގެން ހައިކޯޓްގައި އޮތް މައްސަލައެއް އެކޯޓުން ބޭރުނުކޮށްގެން ރައީސް މައުމޫން އަބްދުލް ގަައްޔޫމް އެ މައްސަލަ ހިފައިގެން ސުޕްރީމްކޯޓަށް ވަޑައިގެންފިއެވެ.

އެ މައްސަލައަކީ ޑީއާރުޕީން 1.1 މިލިއަން ރުފިޔާ އެމްޓީސީސީއަށް ދައްކަންޖެހޭ މައްސަލައެކެވެ. 

އެ ފައިސާ ނުދައްކައިގެން އެމްޓީސީސީން ސިވިލްކޯޓަށް ހުށައެޅި މައްސަލަ ނިމިފައިވަނީ ޑީއާރުޕީއާ އެއްކޮޅަށެވެ. އެ ކޯޓުން ނިންމީ އެ ފައިސާ ޑީއާރުޕީން ދައްކަން ނުޖެހޭކަމަށެވެ. ދަށުކޯޓްގެ އެ ނިންމުން އެމްޓީސީސީން ވަނީ ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ. އެމްޓީސީސީން ވަނީ މިފައިސާގެ މައްސަލަ ހިނގި ދުވަސްވަރު ޑީއާރްޕީގެ ޒައީމަކީ ރައީސް މައުމޫން ކަމަށްވާތީ ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

މި މައްސަލަ ދަށުކޯޓުން ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގެ 8 ގައެވެ. އެމްޓީސީސީން އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފުކުރީ ޖުލައި 10 ގައެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދަށު ކޯޓުން ނިންމާ މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރަންޖެހެއެވެ.

މި މައްސަލާގެ އިސްތުނާފުގައި ޑީއާރުޕީންވަނީ އިސްތިނާފީ މުއްދަތު ހަމަވެފައިވާތީ އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅާދިނުމަށް އެދުނެވެ. އެހެންނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކަނޑައަޅާފައެވެ.

ހައިކޯޓުގެ މި ނިންމުން ރައީސް މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. އެހެންނަމަވެސް މި މައްސަލަ ބަލައިގަތުމާއި މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް