ހަ ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ހޯދާފައިވާ ބަޔާނުން، ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމާ ދެކޮޅަށް މިރޭ ކުޅޭއިރު އެ ޓީމު މި ވަގުތު އޮތް ހާލަތެއް ބެލުމަށް ވުރެ، ކުޅެން ޖެހެނީ ޔޫރަޕްގެ ވަރުގަދަ ބާރަކާ ދެކޮޅަށް ކަމަށް ވިސްނައި، ރަނގަޅަށް ތައްޔާރުވުން މުހިންމު ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީވަނީ ބުނެފައެވެ. ޗެމްޕިއަންސް ލީގުގެ ސެމީއަށް މިރޭ ނުކުންނައިރު، ބަޔާނުން ޖެހިޖެހިގެން 11 އަހަރު ޖަރުމަނު ލީގު ހޯދާފައި އޮއްވައި އެ ޓީމު އަތުން ވަނީ މި ސީޒަނުގައި ލީގު ގެއްލިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ރަސްގެފާނުގެ ގޮތުގައި ބެލެވޭ ރިއަލް މެޑްރިޑާ ބަޔާން މިއުނިކްގެ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑީން 12 ޖަހާއިރުއެވެ. މި މެޗު ކުޅޭނީ ބަޔާންގެ ދަނޑުގައެވެ. ދެވަނަ ލެގު އޮންނާނީ މެއި ނުވަވަނަ ދުވަހުއެވެ.