ads
ފުލުހުންގެ އިދާރާ
މީޑިއާތަކަށް ދިން އިންޒާރު، ސީރިއަސް މައްސަލައެއް ގޮތުގައި ބަލަނީ
ބައެއް މީޑިއާތަކަށް ގެއްލުން ދޭނެކަމަށް ބުނި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންމުން އަންނަކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ހުޅުޖަހައި އަންދާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރުދީފައިވަނީ ރާއްޖެ ޓީވީއަށާއި ޗެނަލް 13 އަށެވެ. ރާއްޖެ ޓީވީގެ ނޫސްވެރިޔަކަށް "ހޭއަރުވާލާނަން" ކަމަށް ބުނެ އިންޒާރުދީފައިވާއިރު މި މައްސަލަތައް ރާއްޖެ ޓީވީން ވަނީ ފުލުހުންނަށް ހުށަވެސް އަޅާފައެވެ. 

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ބައެއް ޓީވީ ޗެނަލްތަކަށް ގެއްލުންދޭނެކަމުގެ އިންޒާރު ދީފައިވާ މައްސަލަ އެ އިދާރާގެ ސަމާލުކަމަށްް އައިސް ތަހުގީގުކުރަމުން އަންނަކަމަށެވެ. 

" މީހުންނާއި ތަންތަނާއި ތަކެއްޗަށް، ހާއްސަކޮށް މީހުންގެ ފުރަނާއާއި މީޑިއާތަކަށް ގެއްލުންދޭނެކަމަށް ބުނެ އިންޒާރުދޭ މައްސަލަތަކީ މި ހިދުމަތުން ހާއްސަ އިސްކަމެއް ދީގެން ސީރިއަސް މައްސަލަތަކެއް ގޮތުގައި ބަލާ ތަހުގީގު ކުރަމުން ގެންދާ މައްސަލަތަކެއް." ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނުގައިވެއެވެ.

މީޑިއާތަކަށް އިންޒާރުދިން މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަަށް ކުރަންޖެހޭ މަސައްކަތްތައް އެ އިދާރާގެ ސައިބާ ކްރައިމް ޑިޕާޓްމެންޓާއި ސީރިއަސް އޮގަނައިޒްޑް ކްރައިމް ޑިޕާޓުމަންޓުން ކުރަމުން އަންނަކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ. 

ރާއްޖެެ ޓީވީ އާއި ޗެނަލް 13 އަށް އިންޒާރުދިން މައްސަލަ ސަރުކާރުންވެސް ވަނީ ކުށްވެރިކޮށްފައެވެ. ރައީސް އޮފީހުން ބުނީ މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، އެކަން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ހިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް ސަރުކާރުން ބުނެއެވެ. 

" އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ނަމަވެސް ޤައުމީ މަސްލަޙަތު އިސްކުރެއްވުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތަކުވެސް އަދާކުރައްވައި، އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓްކުރެއްވުމަށް މި ފުރުސަތުގައި އިލްތިމާސްކުރަން." ސަރުކާރުން ބުނެއެވެ.

ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ހަބަރާ މައުލޫމާތު ފެތުރުމަށް ފުރުސަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.  އަދި ނޫސްވެރިންނަށާ މީޑިއާތަކަށް ބިރުދައްކައި، ޤައުމުގެ އަމްނަށް ނުރައްކާވާނެގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި ދިވެހި މުޖްތަމަޢުގެ މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާ އިހްލާސްތެރިކަމާއެކު ރެޔާދުވާލު މަސައްކަތްކުރަމުން ގެންދާނެކަމަށްވެސް ސަރުކާރުން ބުނެއެވެ. 

ރާއްޖެ ޓީވީގައި 2013 ވަނަ އަހަރު ބަޔަކު ރޯކޮށް އަންދާލިއެވެ. އެކަމުގެ ސަބަބުން އެ ސްޓޭޝަންގެ ހިދުމަތްވެސް މެދުކަނޑާލަން ޖެހުނެވެ. އެފަހަރު ރޯކޮށްލީ ދިން އިންޒާރުތައް ކަމާއި ބެހޭ އިދާރާތަކަށް ހުށައެޅިނަމަވެސް އެކަންްކަމަށްް ފިޔަވަޅު ނޭޅި އޮއްވައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް