ads
އަޒުމަކީ ދިވެހި މަސައްކަތްތެރިންނަށް ތަނަވަސްކަމާއި ،ފާގަތިކަން ހޯދާދިނުން: ރައީސް
ސަރުކާރުގެ އުންމީދަކީ އަދި އަޒުމަކީ، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި 5 އަހަރުގެ ތެރޭގައި ހޯދައިދެއްވުންމަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުނ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ. ރައިސްގެ ހިތާބު ފައްޓަވާފއިވަނީ ދިވެހި ޤައުމަށް މަންފާ ލިބޭ އެކި ދާއިރާތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތްކޮށްދެވަމުން ގެންދަވާ ހުރިހާ ދޭސީންނަށާއި ބިދޭސީންނަށް ހިތްވަރާއި، މަރްހަބާއާއި، ޝުކުރުގެ ބަސްތަކުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ މަސައްކަތްތެރީންގެ ރެޔާދުވާލުގެ ހިންމަތާ ނުލައި، މި ޤައުމުގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުންމީދެއް ހަޤީޤަތަކަށް ނުވާނެކަމަށެވެ. ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި 5 އަހަރުގެ ތެރޭގައި ހޯދައިދިނުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހި މަސައްކަތްތެރިންނަށް އޮތީ އުޖާލާ ކުރިމަގަކާއި ތިޔާގިކަމުގެ އެތައް ފުރުސަތުތަކެއް ކަމަށެވެ. 

" ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން މިދަނީ، ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރަމުން ދިޔުމަށް. މަސްވެރީންނަށް ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއްދީ، ޤައުމުގެ އިޤްތިސާދީ ލޭނާރު ހިމާޔަތް ކުރުމަށް." ރައީސްގެ ހިތާބުގައިވެއެވެ.

މަސައްކަތްތެރިންނާއި ގުޅޭ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ފާގަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ސިވިލް ސަރވިސް އަދި ސިއްހީ ޚިދުމަތްފަދަ މުހިންމު މައިދާންތަކުގައި އަވަދިނެތިވެ އުޅުއްވުމަށްފަހު، މަސައްކަތާ ފެޔަށްޖެހިވަޑައިގެންފައިވާ އެތައް ހިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު  ފަހިކޮށްދެމުން އަންނަކަމަށެވެ.

" އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ބަހައްޓާ އުސޫލަށް ބަދަލުގެނެސް، ޢުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ހިދުމަތްކުރެވޭނޭ ގޮތް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަން. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުން ހަވާސާވިޔަނުދީ، އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުސތު މިހާރު މިދަނީ ހޯދައިދެމުން." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދޭނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޤައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން އަޅުގަނޑުމެން މިހާރު ވާނީ ފަށައިފައި... ސަރުކާރު މުވައްޒަފުންގެ އިތުރުން، އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ މަސައްކަތްތެރީންނަށްވެސް ބޯހިޔާވަހިކަމުގެ ހާއްސަ ސްކީމްތައް ތައާރަފްކުރުން މުހިންމު. މަސައްކަތުގެ މާހައުލުގެ ރައްކައުތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުން މުހިންމު. އަދި މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި، އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުންވެސް މުހިންމު. މި ކަންކަން ސަރުކާރުން މިހާރު ވަނީ ފަށައިގެންފައި." ރައީސް މުއިއްުގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.

އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު، ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް  ސަރުކާރުން ކަނޑައަޅާފައިވާކަަށް ރައީސް ވިދާުވިއެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ މިފަދަ ކަންކަން މުޅީން ހައްލުކުރަން ވަގުތު ނަގާނެކަމަށާއި އެކަން ވަނީ ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ޤާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގައި ހިނގަމުންދާ އިޤްތިސާދީ މަސައްކަތްތައް ފުޅާކޮށް، އައު ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އައު އިންވެސްޓްމަންޓްތައް ކުރުމަށް 5 އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދެއްވާނެކަމށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އެކި ދާއިރާތަކުން ވަޒީފާތައް އިތުރުވެ ލިބޭ އާމްދަނީ މަތިވެގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

" ބޮޑެތި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި، ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ރާއްޖެއަށް ތަޢާރަުފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަޤްވާމީ މާރުކޭޓުތަކުން ފުރުސަތު ލިބި، ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ޤައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވާނެ." ހިތާބުގައިވެއެވެ.

ސަރުކާރުން ރާވާފައިވާ ކަންކަން އަވަހަށް ކުރެވޭތޯ ހުއްޓުމެއްނެތި މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. 

ކޮންމެ އަހަރެއްގެވެސް މޭ އެއްވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް