ads
މަސައްކަތްތެރިންގެ ދުވަހު ބޭއްވި ހިނގާލުމެއް: އެންމެ ކުޑަ އުޖޫރަ ކަނޑައެޅިޔަސް މަސައްކަތްތެރިންގެ ހާލަތު ބަދަލު ނުވޭ - ފޮޓޯ:އެމްޓީޔޫސީ
"އެންމެ ކުޑަ އުޖޫރަ ކަނޑައެޅިޔަސް މަސައްކަތްތެރިންގެ ހާލަތު ބަދަލު ނުވޭ"
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައި ވިނަމަވެސް، އެކަމުގެ ސަބަބުން މަސައްކަތްތެރިންގެ ހާލަތަށް އެކަށީގެންވާ ބަދަލެއް އައިސްފައި ނުވާ ކަމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ބުނެފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެމްޓީއޭއިން ނެރުނު ބަޔާނުގައި ބުނީ ބައިނަލްއަގުވާމީ ގޮތުން މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރަނީ ގައުމެއްގެ ކުރިއެރުމުގައި މަސައްކަތްތެރިންގެ ދައުރާއި ވާ މަތިވެރި ގުރުބާނީތަކުގެ އަގުވަޒަންކޮށް، އެމީހުންގެ ހައްގުތަކަށްވާ އަދި ވެވޭ އިހުމާލު ވަޒީފާ ދޭ ފަރާތްތަކާއި ސަރުކާރުގެ ސަމާލުކަމަށް ގެންނަން ކަމަށެވެ.

ރާއްޖެއަކީ މަސައްކަތްތެރިންނަށް އެކަށީގެންވާ މުސާރައެއް ނުދެވޭ ގައުމެއް ކަމަށާއި މަސައްކަތުގެ މާހައުލަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް އައިސްފައި ނުވާ ގައުމެއް ކަމަށް އެމްޓީއޭއިން ބުނެ އެވެ.

އެމްޓީއޭއިން ބުނެފައި ވަނީ މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލައި، އެކަށީގެންވާ މުސާރައެއް ފޯރުކޮށްދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން އެންމެ ކުޑަ އުޖޫރަ އެކަށައެޅި ނަމަވެސް، އެކަމުގެ ސަބަބުން މަސައްކަތްތެރިންގެ ހާލަތަށް އެންމެ ހެޔޮ ބަދަލު އައިސްފައި ނުވާ ކަމަށެވެ.

މަސައްކަތްތެރިންގެ ހާލަތު ރަނގަޅު ކުރަން ގެނެވުނު ގާނޫނީ ބަދަލު އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒެއް ކުރެވެމުން ނުދާކަން އެމްޓީއޭގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ރާއްޖޭގެ އެކި ވަޒީފާތަކުގައި އަދިވެސް ބޮޑު މުސާރައިގައި ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށާއި ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ އެތައް ހާސް މުވައްޒަފުންގެ ކެއިން ބުއިމާއި އެކޮމޮޑޭޝަން އަދި އެމީހުންނަށް ސާވިސް ޗާޖު ލިބިދިނުން ފަދަ އެތައް ކަމެއްގައި އަދިވެސް އިހުމާލުތައް ހުރި ކަމުގެ ޝަކުވާތައް މަސައްކަތްތެރިން ކުރާ ކަމުގަ އެވެ. އަދި ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އެ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާ އާ އެކަށީގެންނުވާވަރުގެ ބޮޑެތި މުސާރަތައް ދެމުން ދިއުމުގެ ސަބަބުން އިޖުތިމާއީ އިންސާފު ގެއްލެން ފަށާފައިވާ ކަމަށް އެމްޓީއޭއިން ބުނެ އެވެ.

"މަސައްކަތްތެރިންނާ މެދު ބޮޑެތި އިހުމާލުތައް ހުރިއިރު، މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތު ކުރުމުގެ ބަދަލުގައި ސިޔާސީ ފަރާތްތަކުން އެ ފަރާތްތަކުގެ ސިޔާސީ މަސްލަހަތު އެކަނި އިސްކޮށް، ގައުމުގެ ހަގީގީ އިންޖީނު ކަމުގައިވާ މަސައްކަތްތެރިންގެ ގުރުބާނީތަކުގެ މަތިން ހަނދާން ނައްތާލައިގެން ތިބޭ ތިބުމަކީ މިފަދަ ދުވަހެއްގައި ހިތާމަ އާއެކު ފާހަގަކުރާން ޖެހޭ ކަމެކެވެ،" އެމްޓީއޭގެ ބަޔާނުގައިވެ އެވެ.

ޓްރޭޑް އެސޯސިއޭޝަނުގެ ބަޔާނުގައި ވަނީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމަކޮށްދީ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި މަސައްކަތްތެރިންނަށް ހައްގުވާ މުސާރަ ކަށަވަރުކޮށް ދިނުމަށް ދައުލަތަށާއި ވަޒީފާ ދޭ އެންމެހާ ފަރާތްތަކަށް ގޮވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް