މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާއި ރާއްޖޭގެ ސިވިލް ސާވިސް ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި އޭނާ ވިދާޅުވީ މަސައްކަތުގެ އުޖޫރަ މަތިކޮށް އަދި އެ އުޖޫރައިގެ ހަމަހަމަކަން ގާއިމް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ގޮތުން ތައުލީމީ އަދި ސިއްހީ ދާއިރާގެ ފަންނީ ބައެއް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންތަކެއް ދީފައިވާ ކަމަށެވެ.
ނަމަވެސް ސީއެސްސީގެ ގިނަ ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ނުވާތީ ސީއެސްސީގެ ރައީސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ސިވިލް ސާވިސްގެ ހުރިހާ ފަންތިއަކާއި ގިންތިތަކެއްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ދިނުމާ އެކު އުޖޫރައިގެ ހަމަހަމަކަން ގާއިމުކޮށްދޭން ސަރުކާރަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހުގެ މެސެޖްގައި ސިވިލް ސަރވިސްއަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުމާއި، ރައްޔިތުންނަށް ހިދުމަތްކުރުމަށް އޮތް މުވައްސަސާއަކަށްވާއިރު ރައްޔިތުން ބަލައިގަންނަ ގޮތެއްގައި ހިދުމަތްދިނުމުގައި އަދި ހިދުމަތް ހޯދާ ފަރާތްތަކާއި މުއާމަލާތްކުރުމުގައި ސާފު، ސާދާ އަދި ދެފުއްފެންނަ ގޮތްތައް ހިޔާރުކޮށް މައްސަލަ ހައްލުކުރުމުގެ ވިސްނުމުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ.
ސަރުކާރުގެ ކޮންމެ އިދާރާއެއްގައި ކަނޑައަޅާފައިވާ ސާވިސް ޗާޓަރުގައި ބުނާ ފެންވަރަށް އަދި މުއްދަތަށް ހިދުމަތް ދިނުމަށް ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.