ads
ހަޔާ އެޑިޔުކޭޝަން މިނިސްޓަރު މާރިޔާ: މަސައްކަތު މާހައުލުން ތަފާތުކުރުން ނައްތާލަން މަސައްކަތް ކުރުމަކީ އެންމެންގެ ވާޖިބެއް ކަމަށް ވަނީ ވިދާޅުވެފައި - ފޮޓޯ:ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ
މަސައްކަތު މާހައުލުން ތަފާތުކުރުން ނައްތާލަން މަސައްކަތް ކުރުމަކީ ވާޖިބެއް
މަސައްކަތްކުރާ މާހައުލުގައި ދިމާވާ ތަފާތުކުރުމާއި އަނިޔާވެރިކަމާ ދެކޮޅަށް ކުރިމަތިލައި އެކަންކަން މަސައްކަތުގެ މާހައުލުން ނައްތާލުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ވާޖިބެއް ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
Advertisement

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މާރިޔާ ވިދާޅުވީ، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ސިއްހަތު ކަށަވަރު ކުރުމަށް މިދިޔަ 15 އަހަރު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ގާނޫނީ އޮނިގަނޑުގެ ތެރެއިން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ސިއްހަތު ކަށަވަރު ކުރުމުގެ ހައްގު މިހާރު ލިބިފައިވާ ކަމަށާއި ގާނޫނުގެ ފޮނިމީރުކަން ދިވެހި މަސައްކަތްތެރިންނަށް ވަރަށް އަވަހަށް ލިބޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"މަސައްކަތްތެރިންގެ ދުވަހު އަޅުގަނޑުމެން ހަނދާނަށް ގެންނަން އެބަޖެހޭ އިންސާފުވެރި އުޖޫރަޔާ ދޭތެރޭ. ރައްކާތެރި މަސައްކަތުގެ މާހައުލާ ދޭތެރޭ، އަބުރުވެރި ވަޒީފާއެއް ހޯދުމުގެ ފުރުސަތު ހިމެނޭ ގޮތަށް، މަސައްކަތްތެރިންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުމާ މެދު،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވެފައި ވަނީ އަބުރުވެރި ވަޒީފާއެއް ހޯދުމުގެ ފުރުސަތު ހިމެނޭ ގޮތަށް މަސައްކަތްތެރިންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުމާ މެދު ރާއްޖޭގައި މަސައްކަތުގެ އިޖުތިމާއީ އަދުލުވެރިކަމާއި އިގުތިސޯދީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްގީ އާލާކުރުމުގައި އަބުރުވެރި މަސައްކަތްތައް އަދާކުރާ ވަރަށް މުހިންމު ދައުރެއްވާކަން ގަބޫލުކޮށް، ދެނެގަންނަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ކޮންމެ މަސައްކަތްތެރިއަކަށް ވެސް އެމީހަކަށް ހައްގުވާ ކަރާމާތާއި އިހުތިރާމް ލިބިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް މާރިޔާ ވިދާޅުވި އެވެ. މަސައްކަތްތެރިންނަށް ހައްގުވާ އިހުތިރާމް، އޭގެ ފުރިހަމަ މާނައިގައި އެ ފަރާތްތަކަށް ލިބިދެވޭނެ ގޮތަށް ސިޔާސަތުތަކާއި އުސޫލުތައް ބައްޓަންކޮށް، އެ ކަންކަން އަމަލުން ދެއްކުމަށް މާރިޔާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލާއި އެންމެންނަށް އަބުރުވެރި މަސައްކަތެއް ހޯދުމުގައި ގޮންޖެހުންތައް އަދިވެސް ވާކަމަށް އަޅުގަނޑުމެން އެބަ ގަބޫލުކުރަން ޖެހޭ. މަސައްކަތުގެ މާހައުލުގައި ހިތްހަމަނުޖެހޭ ކަންކަން އެބަ ހިނގާ. ތަފާތުކުރުމާއި ގަނާކުރުމާއި ނުތަނަވަސްކަމުގެ ހާދިސާތަކުގެ ވާހަކަތައް އެބަ އަޑުއިވޭ. މަސައްކަތްތެރިންގެ ހައްގުގައި މި ފަދަ ތަފާތުކުރުމާއި އަނިޔާވެރިކަމާ ދެކޮޅަށް ކުރިމަތިލައި، އެ ކަންކަން، މަސައްކަތުގެ މާހައުލުން ނައްތާލުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް ކަމަށް ހައްދަވަން ޖެހޭ،" މާރިޔާ ވިދާޅުވި އެވެ.

އެއްވެސް މީހަކު ފަހަތަށް ނުޖެހި، ޝާމިލް އަދި ހަމަހަމަ މަސައްކަތްތެރިންގެ މާރުކޭޓެއް އުފެއްދުމަށް ކުރާ މަސައްކަތްތައް ދެގުނައަށް އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވި ގޮތުގައި މިއަދު ކުރާ އަމަލުތަކަކީ ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ މުސްތަގުބަލު ބައްޓަންކުރާނެ ކަމެއްކަން އެނގިހުރެ، ކުރިއަށްދާން އަޒުމު ކަނޑައަޅަން ޖެހޭ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް