މި ހަރަކާތަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެ މިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގާ ގައުމީ ހަރަކާތެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅޭ ބިދޭސީންގެ ފިންގާޕްރިންޓާއި ފޮޓޯގްރަފިކް އައިޑެންޓިފިކޭޝަނާއި ބައޮމެޓްރިކް ޑާޓާ އާ އެއްކޮށް އެމީހުންގެ މައުލޫމާތު ސިސްޓަމަށް އެޅުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށެވެ.
ރާއްޖޭގައި ތިބި ބިދޭސީންގެ ޖުމްލަ އަދަދު ކަނޑައެޅިގެން ބުނަން އެނގިވަޑައިނުގަންނަވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވެފައި ވަނީ ބިދޭސީން ނިޒާމަށް ފެއްތުމަށް އެ މީހުން ރާއްޖެ ގެންނަ މީހާ ނޫން އެހެން މީހަކުގެ ނަމަށް ބިދޭސީ މީހާ ބަދަލުކުރަން ވެސް ފަސޭހަވެގެންދާނެ ކަމަށާއި މި މަސައްކަތުގެ ތެރެއިން ބިދޭސީ މީހާ ރާއްޖެ ގެނައީ ކޮން ފަރާތަކުންކަން ދެނެގަނެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ނުދައްކައި ފިލައިގެން އުޅޭ ބިދޭސީންނަށް ވެސް އެ ފުރުސަތު ދިނުމަށްފަހު ސިސްޓަމުގެ ތެރެއަށް ނުވަދެ އުޅެންޏާ އެމީހަކު ޑީޕޯޓުކޮށްލާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ.
އިހުސާން އިތުރަށް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރާނެ ކަމުގަ އެވެ.