ads
ސިނާއީ ބޭނުމަށް ތިލަފުށިން ދިވެހިންނަށް ބިން ވިއްކަން ވަނީ ހުޅުވާލާފައި - ފޮޓޯ:އެޗްޑީސީ
ސިނާއީ ބޭނުމަށް ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި
ސިނާއީ ބޭނުމަށް ތިލަފުށީގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނީ ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިންތައް ވިއްކުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. އެގޮތުން ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ދިވެހި އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ވަނީ ހުޅުވާލެވިފައި ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނެފައި ވަނީ ހަމައެކަނި ދިވެހިންނަށް ހުޅުވާލައިގެން ތިލަފުށީގެ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށި ޒޯން އޭގެ އޭރިޔާ ބީގައި މިހާތަނަށް ނުވިކި ހުރި ބިންތައް ކަމަށެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް މިއަދު ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމްލަ 108 ބިން ވިއްކުމަށް ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޓައިޕް 1 ގެ 64 ބިން (2،500 - 4،999 އަކަފޫޓު)
  • ޓައިޕް 2 ގެ 42 ބިން (5،000 - 9،999 އަކަފޫޓު)
  • ޓައިޕް 3 ގެ 2 ބިން (10،000 - 14،999 އަކަފޫޓު)

ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާއަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

ސިނާއީ ބޭނުމަށް ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް އޮންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 1،700 ރުފިޔާ ކަމުގަ އެވެ.

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި އެ ކޯޕަރޭޝަނުގެ ބިޑް ޕޯޓަލް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް، ބިން މިލްކުކުރެވޭ ގޮތަށް ބިން ގަތުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައި ކަމަށެވެ. އެގޮތުން ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. ތިލަފުށީގެ ފުރަތަމަ ފިޔަވަހިން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެލް ކުރުމަށް އެޗްޑީސީން އެދެ އެވެ. 

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރި އާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުގައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެ ރަށުގައި ސިމެންތި ބަންދު ކުރުމާއި ގޭސް ފުޅިތަކަށް އެޅުމާއި އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުންދެ އެވެ.

އެޗްޑީސީން ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއަ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެ އާއި ރަށްތަކަށް ސަޕްލައި ކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން މިހާރު ކުރިއަށްދާ ތިލަމާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ލިބެންހުރި ވަސީލަތްތައް ބޭނުން ހިފޭނެ މަގު ތަނަވަސްކޮށްދީ، ރައްޔިތުންނަށް ލިބެންހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް