އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ސާކް ސަމިޓް ބާއްވަން ތަރައްގީ ކުރި އެ ކޮންވެންޝަން ސެންޓަރުގައި އިމާރާތްކުރި ތަނެކެވެ. މިތަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ.
މި ސަރުކާރުގައި އެތަނުގެ މަސައްކަތް ނިންމާއި މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރަން ނިންމަވާފައިވާކަން އިއުލާންކުރައްވާފަ އެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި އިއްޔެ ހަވީރު 16:00 އިން ފެށިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުން އައި ހުރިހާ ހިދުމަތެއް ވަނީ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. ރައީސް ވަނީ މި ހިދުމަތްތައް އެތަނަށް ބަދަލުކުރެވުމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމާފަ އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޕްރައިވެޓް ހަ ކޮޓަރި ހިމެނޭ ގޮތަށް ހަދާފައިވާ 100 އެނދުގެ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލްގެ ހިދުމަތް ފަށާއިރު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުންނާއި 73 ނަރުހުން މިތަނުގައި ހިދުމަތް ދިނުމަށް ތިބޭނެ އެވެ.
ނިމިދިޔަ ސަރުކާރުގައި 2016 ވަނަ އަހަރު ފެށި މިމަޝްރޫއަކީ 160 މިލިއަން ރުފިޔާއަށް ބޮޑު ހަރަދެއް ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.