
ކްރިކެޓް ބޯޑަށް، މި އަހަރަށް ލަފާ ކުރާ 6,083,440.00 (ހަ މިލިޔަން އަށްޑިހަ ތިންހާސް ހަތަރުސަތޭކަ ސާޅީސް) ރުފިޔާގެ ބަޖެޓް ފާސްކުރީ، އެ ބޯޑުގެ އަހަރީ އާއްމު ޖަލްސާގައެވެ. މި ޖަލްސާގައި ވަނީ ބަޖެޓުގެ އިތުރުން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓުގެ އިތުރުން މި އަހަރުގެ ކްރިކެޓް ބޯޑުގެ ހަރަކާތްތަކުގެ ކަލަންޑަރުވެސް ފާސްކޮށްފައެވެ. =
މި ޖަލްސާގެ ރައީސްގެ ބަޔާނާއި، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އިއްވައިދެއްވީ ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލެވެ. އޭނާ ގެ ވާހަކަފުޅުގައި ވަނީ މިދިޔަ އަހަރަކީ ކްރިކެޓް ބޯޑުގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ބޭއްވުނު އަހަރެއްކަން ފާހަގަކުރައްވާފައެވެ. މި ޖަލްސާގައި ކްރިކެޓް ބޯޑުގެ މި އަހަރުގެ ކަލަންޑަރު ހުށަހަޅުއްވައިދެއްވީ ނައިބު ރައީސް އަޙްމަދު ހުސެއިން (ދޮނާ) އެވެ.
މި އަހަރުގެ ކްރިކެޓް ކަލަންޑަރުގައި ފާހަގަކޮށްފައިވާ ގޮތުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގެ އިތުރުން ރާއްޖޭގެ ސީނިއަރ ކްރިކެޓް އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް 12 މުބާރާތެއް މި އަހަރު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.