ކްލަބް ވެލެންސިއާގެ ޗެއާމަންގެ މަގާމުގައި ހުންނެވި، ނޫސްވެރިޔާ، އަބްދުﷲ އަޒްމީން، މަގާމަށް އައުމުގައި ކަންކަން ކޮށްފައިވާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެ ކްލަބްގެ ބޯޑުން ވަކިކުރި މެމްބަރުން، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިގެން ވަނީ ނާކާމިޔާބުވެފައެވެ.
ހައިކޯޓަށް މިހާރު ހުށަހަޅާފައިވަނީ ސިވިލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރާށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކްލަބު ވެލެންސިއާއަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މި މައްސަލަ ހައިކޯޓުގައި މިހާރުވަނީ ރަޖިސްޓްރީކޮށްފައެވެ. އެހެންނަމަވެސް އެ މައްސަލަ ބަލަން އަދި ހައިކޯޓުން ފެށިކަމެއް އެނގިފައެއް ނެތެވެ.
މިއީ، އެންމެ ފުރަތަމަ ވެލެންސިއާގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކޮންޓްރޯލް ބޭއްވުމަށް އެ ބޯޑުގައި ތިބި މެމްބަރުން މަގާމުން ވަކިކުރުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކެވެ. ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، ވެލެންސިއާގެ ބޯޑުން ވަކިކުރި މެމްބަރުން ކަމަށްވާ، އެ ކްލަބްގެ ކުރީގެ ފައިނޭންސް ޑައިރެކްޓާގެ މަގާމުގައި ހުރި ހަސައިން ވަހީދު (ދޮނާ) އާއި ބޯޑްގެ އެންމު މެންބަރުންގެ ގޮތުގައި ތިބި އަލީ މަމްދޫހް މުހައްމަދު އާއި މިސްބާހް މުހައްމަދު، އިލްމާއު ހުސެއިން (މައު) އަދި ޔޫސުފް ރަމީޒް (ރަމީ) އެވެ. ހައިކޯޓަށް މި މައްސަލަ ހުށަހެޅީވެސް މި އެންމެންގެ ނަމުގައެވެ.
ވެލެންސިއާގެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާއިރު، އެފްއޭއެމުންވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ވެލެންސިއާ ސަސްޕެންޑްކޮށްފައެވެ.