ސެއިހް އިމްރާން އަބްދުﷲ ދުއްވާ ކާރުގައި ޕިކަޕަކުން ޖެހުނު މީހާ އާއި އިމްރާން ލަތީފް ވާހަކަ ދައްކާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. މި ވީޑިއޯގައި އިމްރާން ލަތީފު ވިދާޅުވަމުން ގެންދަވަނީ އެމީހާއަށްް މައާފުކޮށްދިނުމަށް ޝެއިހް އިމްރާން ކައިރިން އެދިވަޑައިގަންނަވާކަމަށެވެ. އެކަން ނުކުރައްވާނަމަ ކާރު ހަދަން ދާ ހަރަދު އޭނާ ދެއްވާނެކަމަށެވެ.
މި ވާހަކަތަކާއި ގުޅިގެން އަދާލަތު ޕާޓީން ބުނީ ޝައިހް އިމްރާން ޢަބްދުاللهގެ ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމުން ޝެއިހް އިމްރާނާއި ޕިކަޕް ޑްރައިވަރު މަޑުކޮށްގެން ތިިއްބެވީ ފުލުހުން އެތަނަށް އަންނަންދެން ކަމަށެވެ. އެހެންނަމަވެސް އެތަނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް ހާޒިރުވެ ޝެއިހް އިމްރާނާއި ޑްރައިވަރު ފަޟީހަތް ކުރުމަށް މަސައްކަތް ކުރެއްވިކަމަށެވެ.
އަދާލަތުން ބުނީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅުއްވިކަމަށެވެ. އަދި ސިޔާސީގޮތުން ހިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް އާޑަފުރައްސާރަ ކުރުންފަދަ ކަންކަމަކީ, ޤާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމައުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވާނެކަމަށްވެސް އަދާލަތުން ބުނެއެވެ.
އެއްގަމު ދަތުރު ފަތުރުކުރުމުގެ ގާނޫނު ބުނާގޮތުން އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއްގައި އެކްސިޑެންޓެއް ވެގެން، އެއްވެސް ފަރާތެއްގެ މައްސަލައެއް އޮތްނަމަ، އެކްސިޑެންޓުވި އުޅަނދު އޮތްގޮތަށް، އޮތްތާކު ބޭއްވުމަށްފަހު، އެކްސިޑެންޓުވި ފަރާތްތަކުން ޓްރެފިކް ފުލުހުންނަށް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފަރާތަކަށް އަންގަންވާނެއެވެ. އަދި އެކްސިޑެންޓެއްވެފައި، އެއްވެސްފަރާތެއްގެ މައްސަލައެއް ނެތްނަމަ، އެކްސިޑެންޓުވިކަން، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެކްސިޑެންޓުވި ފަރާތްތަކުން ޓްރެފިކް ފުލުހުންނަށް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފަރާތަކަށް އަންގަންވާނެކަމަށްވެސް އެ ގާނޫނުގައި ބުނެއެވެ.