ads
(އޯ.އައި.ސީ) ސަމިޓްގައި ޝަހީމް ބައިވެރިޑައިގަންނަވަނީ
އިޒްރާއީލު ޖަވާބުދާރީ ކުރުވުމަށް ރާއްޖެއިން ގޮވާލައިފި
ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އިސްލާމީ ޤައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރުމަށް ދިވެެހި ސަރުކާރުން ގޮވާލައިފިއެވެ.

ރާއްޖެއިން މިގޮތަސް ގޮވާލާފއިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ކުރިޔަށްދާ އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު)ގައެވެ. 

މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ހާއްސް މަންދޫބެއްގެ ހައިސިއްޔަތުން ރާއްޖެއިން ބައިވެރިވެވަޑައިގަންނަވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އެކަށީގެންވާގޮތެއްގައި އަދި ވީ އެންމެ އަވަހަކަށް އިންސާނީ އެހީތެރިކަން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދިނުމަށް ޝަހީމް ގޮވާލާފައެވެ. އަދި ދެމެހެއްޓެނިވި ސުލްހައަށްޓަކައި އ.ދ.ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ޒަރޫރީ ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުންވެސް ރާއްޖެއިން ވަނީ ފާޅުކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އިސްލާމީ ޤައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރުމަށްވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ފާހަގަކޮށް ފަލަސްތީނަށް އ.ދ.ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަންވެސް ސަމިޓްގައި ވަޒީރު ޝަހީމް ދެއްކެވި ވާހަކަގައި ވަނީ ވިދާޅުވެފައެވެ.



މި ސަމިޓްގައި ރާއްޖެއިން ވަނީ މިޔަންމާގައި ހިންގާ ގަތުލު އާމާއި ދެކޮޅަށްވެސް އަޑު އުފުލާފައެވެ. އެގޮތުން މިޔަންމާގައި ރޮހިންޔާ ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކުގެ މައްސަލަ ފާހަގަކޮށް، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މިޔަންމާއާ ދެކޮޅަށް ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައިގައި އެޤައުމުން ކުރަމުންދާ މަސައްކަތްތަކުގައި ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ޝައުޤުވެރިވާކަން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން އިސްލާމްދީނަށް ފުރައްސާރަކުރުމާއި އިސްލާމްދީނާ ދެކޮޅަށް ހިންގަމުންދާ އެކިއެކި ހަރަކާތްތައް ހުއްޓުވުމަށްޓަކައި، އިސްލާމްދީނުގައި ބާރުއަޅާ ސުލްޙަވެރި އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި، ކެތްތެރިކަން އިސްކުރުން ފަދަ އަސްލުތަކުގެ މަޢުލޫމާތު ފެތުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރާއްޖެއިން ވަނީ ވަކާލާތުކޮށްފައެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ. މި ސަމިޓް ކުރިއަށްދާނީ މި ހިނގާ މޭ މަހުގެ 4-5 އަށެވެ. މި އަހަރުގެ ސަމިޓުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން" މިއެވެ.

މިއަހަރުގެ ސަމިޓްގައި 14 ވަނަ އިސްލާމިކް ސަމިޓުގެ ރިޔާސަތު ބެލެހެއްޓެވި ސައުދީ އަރަބިއްޔާއިން ވަނީ ސަމިޓުގެ ރިޔާސަތު ބެލެހެއްޓުން ގެމްބިއާއާ ހަވާލުކޮށްފައެވެ. މި ސަމިޓުގައި ތިން ލިޔުމަކަށް ގޮތެއްނިންމެވުން ހިމަނާފައިވެއެވެ. އޭގެތެރޭގައި ފަލަސްތީނާއި އަލްގުދުސް އަޝް-ޝަރީފްގެ މައްސަލައިގެ ޤަރާރަށް ގޮތެއް ނިންމުން ހިމެނެއެވެ.

ދިވެހިރާއްޖެ އޯ.އައި.ސީ. ގެ މެންބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ. އަދި 57 މެންބަރު ޤައުމު ހިމެނޭ އޯ.އައި.ސީ. ގައި ދިވެހިރާއްޖެ ބައިވެރިވީއްސުރެ އަންނަނީ ހަރަކާތްތެރި މެންބަރެއްގެ ދައުރު އަދާކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް