ސްޓެލްޓޯކެ މެނޭޖިން ޑައިރެކްޓަރު ހުސެއިން ފަހުމީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރޯދަ މަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައިވާކަމަށެވެ. އެގޮތުން ސްޓެލްކޯއިން މިހާރު ވަނީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް އެކަން ތަންފީޒުކޮށްފައިކަމަށްވެސް އެމްޑީ ހުސެއިްނ ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯ އެމްޑީ އެ ޕޯސްޓަގައި އިތުރަށް ވިދާޅުވީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަގުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ވެސް ހަަމަޖެހިފައިވާކަަމަށެވެ.
މީގެއިތުރުން ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައްޔާއި، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް އެމްޑީ ވަނީ ދެއްވަވާފަ އެވެ.
މިމަހުގެ 2 އެއްގައި ސްޓެލްކޯ އެމްޑީ ކުރެއްވި ޕޯސްޓަގައި ވަނީ ރައީސް މުއިއްޒުގެ ގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި ބިލްތައް އެ ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެކަމަށްވެސް އެ ޕޯސްޓްގައި ހުސެއިން ފަހުމީ ވަނީ ވިދާޅުވެފަ އެވެ.
ރޯދަމަހުގެ ކަރަންޓް ބިލްތަކަށް ޑިސްކައުންޓް ދޭން ސްޓެލްކޯއިން ނިންމައިފައި މިވަނީ ކަރަންޓް ބިލްތައް ބޮޑުވެ އާއްމުންގެ ޝަކުވާތައް އިތުރުވުމުންނެވެ. ރޯދަ މަސް ނިންމާ ބިލްތައް އައިއިރު ބިލްތައް އިންތިހާއަށް ބޮޑުކަމެއް ބުނެ އާއްމުންގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ހިއްސާކުރިއެވެ. އެއާއި އެކު މިމަހުގެ 28ގައި ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި ސްޓެލްކޯއާ ފެނަކައިގެ އެމްޑީ ވިދާޅުވީ ކަރަންޓް ބިލު ބޮޑުވެފައިވަނީ ކުންފުނީގެ މައްސަލައަކުން ނޫންކަމަށާއި އެއީ ކަރަންޓް ރައްޔިތުން ބޭނުންކުރި ވަރުންކަމަށެވެ.