ads
މީޑިއާތަކުގައި ޖެހުމުން ބިދޭސީން ހޯދަން ފުލުހުންކުރި އިއުލާން ބާތިލުކޮށްފި
ފުލުހުންގެ ބޭނުމަށް ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމަަށް ކުރި އިއުލާން ބާތިލުކޮށްފިއެވެ.

ފުލުހުން އެ އިއުލާން ބާތިލު މިކުރީ އެވާހަކަ މީޑިއާގައި ޖެހުމުންނެވެ. އެ އިއުލާން މިހާރު ވަނީ ބާތިލްކޮށްފައިަކަމަށް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އޭނާގެ އެކްސްގައި އިއުލާންކުރީ ރޭ ދަންވަރު 12 ޖަހަނިކޮށެވެ. 

ބިދޭސީ މަދުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީ ފަށާ އެ މިނިސްޓްރީގެ ދަށުން ހިންގާ ފުލުހުންގެ އިދާރާއަށް ބިދޭސީން ހޯދުމަށް އިއުލާންކުރުމުން ވަޒީރު އަލީ އިހްސާނަށް ވަނީ ފާޑިކިޔުންތައް އަމާޒުވެފައެވެ. 

ފުލުހުންގެ އިދާރާއިން އިއްޔެ ކުރި އިއުލާންގައި ވަނީ އެ އިދާރާގެ ބޭނުމަށް ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމާއި އެފަރާތްތަކާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. 

ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ މި މަހުގެ 14ވަނަ ދުވަހުގެ 14:00 ކަމަށާއި ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 18ވަނަ ދުވަހުގެ 14:00 ގައި، އިސްކަންދަރު ކޮށިގައިކަމަށްވެސް އެ އިލާންގައި އޮތެވެ. 

ސަރުކާރުން ކުރިޔަށް ގެންދާ "އަހާ" އެންމެ ފަހުން ބޭއްވި ޕްރޮގްރާމުގައި ފުލުހުންގެ ތެރޭގައި ބިދޭސީން ގެންގުޅެނީ ކީއްވެތޯ އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ ދިވެހިން ނެގޭ ތަނެއގައި ބިދޭސީން ގެންގުޅުމަކީ ސަރުކާރުފެ ވިސްނުމެއް ނޫންކަމަށެވެ. 

"ވަކިން ޚާއްސަކޮށް ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ޚިދުމަތް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެއްވެސް ހާލެއްގައި ބިދޭސީއަކު ހުރުމަކީ އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން،" ހޯމް މިނިްސޓަރ އިހްސާން ވިދާޅުވިއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް "ކުރަނގި" ނަމުގައި ހާއްސަ އޮޕަރޭޝަނެއް ސަރުކާރުން ފެށީ މިމަހުގެ 2 ވަނަދުވަހުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް