ads
މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް އަދި ރައީސް ނަޝީދު: ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
"ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރަން ޖެހޭ"
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލަ އާ ގުޅޭގޮތުން މަޖިލިހުން ހެދި އިންކުއަރީ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރަން އެދިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލައަށް ތިން އަހަރު ވުމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ މައްސަލައިގެ ތަހުގީގު އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި މައްސަލަ އާ ގުޅުންހުރި ޝަރީއަތްތައް ނިންމުން މުހިންމުވެފައި ބޭނުންތެރި ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ނަމުގައި އަޅުގަނޑު އެދެނީ، ރައްޔިތުންގެ މަޖިލީހުން މިކަމާ ގުޅޭގޮތުން ތައްޔާރުކޮށް އާންމުކުރެވިފައިވާ އިންކުއަރީ ރިޕޯޓުގައި ހިމެނިފައިވާ ރިކޮމެންޑޭޝަންތަކަށް ވީހާވެސް އަވަހަކަށް، ފުރިހަމައަށް އަމަލުކުރެވިގެން ދިއުން،" ރާއްޖޭން ހަރުކަށި ފިކުރާއި އަނިޔާވެރިކަން އެއްކޮށް ނެތިގެން ދިއުމަކީ އެދިވަޑައިގަންނަވާ ގޮތްކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވި އެވެ.

މަޖިލިސް ރައީސްކަމުގެ މަގާމުގައި ހުންނަވަނިކޮށް ރައީސް ނަޝީދަށް ދިން ހަމަލާގެ ސަބަބުން ބޮޑެތި އަނިޔާތަކެއްވެ، ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިގަތުމާ ގުޅިގެން އެ އާލާސްކަންފުޅުގައި އެމަނިކުފާނު ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އެވެ.

މި މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބު، އިނގިރޭސި ވިލާތުގެ އައްބާސް ފާއިޒް މީގެކުރިން ވިދާޅުވެފައި ވަނީ މި ހަމަލާދިން ބައިވެރިންގެ މައްޗަށް ކުރާ ޝަރީއަތް ލަސްވާ ކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ބުނާ ސަބަބުތައް ބަލައި ނުގަނެވޭ ކަމަށެވެ.

ދައުލަތުން މި މައްސަލާގައި ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދަށާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދަށާއި ނ. މަނަދޫ، ނޫރީގޭ އަލީ ހައިޝަމަށާއި ގއ. ވިލިނގިލީ، ހުދުރުވާގޭ ފަހުމީ އަލީއަށާއި މ. ކުދެހިގޭ އިސްހާގާ އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް