ads
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ: ވިދާޅުވީ ކެބިނެޓްގެ ނިންމުންތައް ފެންނާނެ ނިޒާމަކާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ކުރިއަށް ގެންދާ ކަންކަން އެއްތާކުން ފެންނާނެ ނިޒާމެއް ވަރަށް އަވަހަށް ގާއިމުކުރައްވާނެ ކަމަށް - ފޮޓޯ:ރައީސް އޮފީސް
އޮފީސްތަކާއި ކުންފުނިތަކުގެ މައުލޫމާތު އެއްތާކުން ފެންނަ ގޮތް ހަދަނީ
ކެބިނެޓްގެ ނިންމުންތައް ފެންނާނެ ނިޒާމަކާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ކުރިއަށް ގެންދާ ކަންކަން އެއްތާކުން ފެންނާނެ ނިޒާމެއް ވަރަށް އަވަހަށް ގާއިމުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ރައީސް އޮފީހުން މީޑިއާތަކަށާއި ރައްޔިތުންނަށް ފޯރުކޮށްދޭން މައުލޫމާތުތައް އިތުރަށް ފުޅާކޮށް، ހަރުދަނާކޮށް އަދި ހާމަކަން ބޮޑު ގޮތެއްގައި ގެނެސްދިނުމަށް އެ އޮފީހުގެ ފަރާތުން ދެ ކަމެއް ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ކެބިނެޓްގެ ނިންމުންތަކާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ގޮތަކަށް ނޫސްވެރިން އެ މައުލޫމާތުތައް ހޯދަން ބަލާއިރު ލިބޭނެ ފަދަ ނިޒާމެއް މިހާރު ނެތްކަން ފާހަގަކުރައްވާ ހީނާ ވިދާޅުވެފައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް އޮފީހުގެ ވެބްސައިޓާ ލިންކް ކުރެވޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކޮންމެ ކެބިނެޓެއްގެ ނިންމުންތަކާ އަދި ކަމާ ގުޅުންހުރި މައުލޫމާތާ އެކު ފެންނާނެ ނިޒާމެއް ގާއިމު ކުރާނެ ކަމަށެވެ.

"ހަމަ އެއާއެކު ސަރުކާރުގެ ހުރިހާ އޮފީސްތަކުން އަދި ކުންފުނިތައް ވެސް ބައިވެރިވާ ގޮތަށް ހިނގާ ހުރިހާ ކަމެއް އެއްތަނަކުން ފެންނާނެ ނިޒާމެއް ނުވަތަ އެ މައުލޫމާތުތައް ލިބޭނެ ގޮތަށް ވެސް. އެއީ ފޮޓޯ ވިޔަސް، ވީޑިއޯ ވިޔަސް، ހަބަރު ވިޔަސް، މި ހުރިހާ ކަމެއް އެއްތަނަކުން ފެންނާނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރަމުން. އިރާދަކުރެއްވިއްޔާ މި ނިޒާމު ވެސް މި މަސް ނިމޭހާ ހިސާބުގައި އަޅުގަނޑުމެންނަށް ތިބޭފުޅުންނާ ހަމައަށް ގެނެސްދެވޭނެ ވާހަކަ ދަންނަވަން،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވި ގޮތުގައި މި ކަންކަމަކީ ފަސޭހައިން އަދި ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުން ކުރަމުންދާ ކަންކަމުގެ މައުލޫމާތު ނޫސްވެރިންނަށާއި ރައްޔިތުންނަށް ގެނެސްދިނުމުގެ ބޭނުމުގައި ކުރަމުންދާ މަސައްކަތްތަކެއް ކަމުގަ އެވެ.

މީގެ އިތުރުން ހަމަހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަށް ހޯދައިދިނުމުގެ ގޮތުންނާ އަދި ވީހާވެސް ގިނަ ރައްޔިތުންނަށް ރައީސް އާ ސުވާލުކުރެވޭނެ ފުރުސަތު ތަނަވަސްކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހީނާ ވިދާޅުވި އެވެ. ހީނާ ވިދާޅުވީ މިހާރު ސުވާލުކުރާ އުސޫލުގެ ބަދަލުގައި ރައްޔިތުންނަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ފޮނުވޭނެ ހާއްސަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް