ads
އިޒްރޭލުގެ މި އަމަލާ އެކު, އަލް ޖަޒީރާ ހިންގުމަށް ހަރަދު ކުރާ ގަތަރާ ދެމެދު އޮތް ގުޅުންތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ
ގާނޫނަށް ބަދަލު ގެނެސް, އިޒުރޭލުގައި އަލްޖަޒީރާ ދެއްކުން މަނާކޮށްފި
އިޒުރޭލުގައި އަލްޖަޒީރާ ހިންގުން މަނާކޮށް ސަރުކާރު ސިފައިން ލައްވައި އެ ގައުމުގައި ހުންނަ އަލްޖަޒީރާ އޮފީސް ބަލާ ފާސްކޮށްފި އެވެ.

ބައިތުލްމަގުދިސްގައި ހުންނަ އަލް ޖަޒީރާގެ އޮފީސް ބަންދުކޮށްފައި ވަނީ އިސްރާއީލުގެ ބްރޯޑްކާސްޓު ކުރުމުގެ ގާނޫނަށް ބަދަލު ގެނެސް, ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުން ފާސްކޮށްގެންނެވެ.

ދުނިޔޭގެ އެންމެ ނަން މަޝްހޫރު މީޑިއާތަކުގެ ތެރޭގައި ހިމެނޭ އަލްޖަޒީރާ، އިސްރާއީލުގައި ބަންދު ކުރުމަށް އެގައުމުގެ ސަރުކާރުން އިއްޔެ ފާސް ކުރުމާއި އެކީ އަލްޖަޒީރާ އަރަބިކް ވެސް އެގައުމުގައި ދެން ނުފެންނާނެ އެވެ.

އެގޮތަށް ފާސް ކުރި ފަހުން އެ ގައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމޯ ކާހީ ބުނީ މި ސާމާނުތައް ހިފަހައްޓާފައި ވަނީ ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އަލްޖަޒީރާ ބަންދު ކުރަން ފާސްކުރުމާއި އެކީ އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު މީގެ ކުރިން ބުނެފައި ވެއެވެ.

އަލްޖަޒީރާ މަނާކުރުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި އަލްޖަޒީރާ އަކީ އިޒުރޭލުގެ ރައްކާތެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

އަލްޖަޒީރާއިން ކުރާ ހަމައެކަނި ކަމަކީ ހަމާސްއަށް ވާގިވެރިވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ހަމާސްއިން ދައްކާ ވާހަކަތައް އާންމު ރައްޔިތުންނަށް ނީވޭނެ ގޮތް ހެދުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އިޒުރޭލުގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ އަމުރަށް މިހާރު ވަނީ އަލްޖަޒީރާގެ ވެބްސައިޓް ވެސް އިޒުރޭލަށް ނުފެންނަ ގޮތް ހަދާފަ އެވެ. 

އަލް ޖަޒީރާ ހިންގާ އަލް ޖަޒީރާ މީޑިޔާ ނެޓްވޯކުން ވަނީ ޔަހޫދީންގެ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ. މިއީ, މިނިވަން މީޑިޔާއަށް ހުރަސް އެޅުމުގެ ގޮތުން ޒަޔަނިސްޓު އިސްރާއީލުން ހިންގާފައިވާ އިންސާނިއްޔަތާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކުށުގެ އަމަލެއް ކަމުގައި އެ ނެޓްވަރކުން ބުންޏެވެ.

"އިންސާނީ ޙައްޤުތައް މުގުރައިލައި, މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް އަރައިގަތުމުގެ ގޮތުން [ޒަޔަނިސްޓު އިސްރާއީލުން] ހިންގާފައިވާ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި, ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ބެލުންތެރިންނަށް ހަބަރާއި މައުލޫމާތު ފޮޜުކޮށްދިނުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީން ކަން އަރުވަން،" އެ ނެޓްވޯކުން ބުންޏެވެ.


އަލް ޖަޒީރާއިން ބުނީ, މިއީ ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް, ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ޚަބަރާއި މަންޒަރު ދުނިޔެއަށް ހާމަ ކުރުން ހުއްޓުވުމުގެ ގޮތުން ޔަހޫދީން ހިންގާފައިވާ އަމަލެއް ކަމުގައެވެ. އަދި, ޔަހޫދީ ފައުޖުން ގަސްދުގައި ނޫސްވެރިންނަށް ޙަމަލާދީ, ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރަމުންދާ މުސްލިމުން ޝަހީދު ކުރަމުންދާ ކަމުގައި ވެސް އެ ނެޓްވޯކުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް