މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަން ވީހާ ވެސް ބޮޑަށް ފަހިކޮށްދިނުމަށް، އާ މަޖިލީހާއެކު އެ ގާނޫނަށް އިސްލާހު ހުށަހަޅަން ފޮނުވާނެ ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ އަންނަ މަޖިލިސް ފެށިގެންދާއިރު އެ ގާނޫނަށް އިސްލާހު ހުށަހަޅައިގެން ވީހާ ވެސް ބޮޑަށް އެއްވެ އުޅުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ހީނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި އެކަންޏެވެ. ޔާމީން އެޑްމިނިސްޓްރޭޝަންގައި ވެސް އަދި ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަންގައި ވެސް "އެއްވަން" ކަނޑައަޅާފައި ވަނީ ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ މާލޭގެ ކާނިވާ ސަރަހައްދަށް އެކަނި ކަމަށެވެ.
މީގެއިތުރުން ނޫސްވެރިން ލިޔާ ހަބަރުގެ މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް އެކުލަވާލާފައިވާ ހެއްކާ ބެހޭ ގާނޫނު، ނޫސްވެރިންނަށް ފަހިވާނެ ގޮތަށް އިސާލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.
މި މަހު 28ގައި ހުވާ ކުރާ 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށެވެ. އެހެން ކަމުން އެޕާޓީން ބޭނުންވާ ނަމަ، ކޮންމެ އިސްލާހެއް މިހާރު ގާނޫނުތަކަށް ގެނެވޭނެ އެވެ.