މައްސަލަ ހުށަހަޅުއްވަމުން ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ސިފައިން ހިންގަމުންދާ ޖަރީމާތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އަދި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތައް މިލިއަން ބައެއްގެ އާދޭސްތަކަށް ބެލުމެއް ނެތި އިޒްރޭލު ސިފައިން ގާޒާ ސިޓީގެ ދެކުނުގައި އޮންނަ ރަފަހަށް އެއްވެސް ހަމައެއް ލަމައެއް ނެތި، އަރަން ތައްޔާރުވަމުންދާ ދިއުމަކީ އެކަމުގައި އިންތިހާއަށް މުޅި ދުނިޔެ ކަންބޮޑުވާ އެތައް އެކުލެވިފައިވާ އަދި އެކަމުގެ ސަބަބުން ރަފަހުގައި މިހާރު ވެސް ނިކަމެތި ހާލުގައި އުޅެމުންދާ އެތައް ސަތޭކަ ހާސް ފަލަސްތީން ރައްޔިތުންނެއް އިންތިހާއަށް ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ފައުޖުތަކުން ފަލަސްތީނުގެ ގާޒާގެ އެންމެ ދެކުނުން އޮތް ރަފަހަށްް ހުއްޓުމެއް ނެތި ބޮން އަޅަން ފަށާފައި މި ވަނީ އެތަނުގައި ތިބި 1.5 މިލިއަން ފަލަސްތީނު ރައްޔިތުން އެތަން ދޫކޮށް ދާން އިންޒާރުދިންތާ މާގިނައިރުތަކެއް ނުވަނީހެވެ.
ޔަހޫދީންގެ ރަހުމްކުޑަ ފައުޖުތަކުން ރަފަހުގެ އާންމުން ދިރިއުޅޭ ގެތަކާއި މަދަރުސާތަކާއި ހޮސްޕިޓަލުތަކާއި ފޭލިގެތައް ހުރި ސަރަހައްދުތަކަށް ވައިގެ ހަމަލާދީ, އެތަކެއް ސަތޭކަ ބަޔަކު ވަނީ ޝަހީދުކޮށްލާފަ އެވެ.
ރަފަހަކީ އިޒްރޭލުގެ އަސްކަރިއްޔާއިން ކުރިން "ސޭފް ޒޯނެއް" ގެ ގޮތުގައި ބުނެފައި އޮތް ސަރަހައްދެކެވެ. ރަފަހުގައި 1.5 މިލިއަން މުސްލިމުން ތިބިއިރު، އެ ސަރަހައްދުގައި ވެސް ވަނީ ކާބޯތަކެތި ހުސްވެ ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައެވެ. އަދި ގިނަ ބަޔަކު އުޅެމުން އަންނަނީ ތޮއްޖެހިފައިވާ ފޭލިގެތަކުގަ އެވެ.
އިޒްރޭލުން ރަފަހަށް ބޮން އަޅަން ފަށާފައި މި ވަނީ ހަމަލާތައް ހުއްޓާލުމަށް ގަތަރާއި މިސްރު މެދުވެރިވެ އެކުލަވާލި އެއްބަސްވުމަށް ހަމާސުން ރުހި އެއްބަސްވެފައިވަނިކޮށެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 34،700 އަށް ވުރެ މައްޗަށް އަރާފަ އެވެ. އޭގެ ތެރޭގައި 26,000 އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެ އެވެ. އަދި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 78,368 އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި ވެސް ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.