އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ އައުގާފުގެ ނިޒާމު ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއް ކަމަށެވެ. ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަން ގާއިމުވުމާ އެކު، އެ މިނިސްޓްރީގެ ފަރާތުން އެންމެ ފުރަތަމަ އިސްކަންދިން އެއް ދާއިރާއަކީ އެއީ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ މެނިފެސްޓޯގައިވާ ގޮތަށް އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ވަގުފު ޕްރޮޖެކްޓުގެ މަސައްކަތް ކުރެވޭނީ 20،000 އަކަފޫޓުގެ ބިމެއްގައިކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވެފައި ވަނީ ޕްރޮޖެކްޓުގެ ތެރެއިން ގާއިމު ކުރެވޭ އިމާރާތަކީ އޮފީސް ޖާގަ އާއި ހޯލާ އަދި އެހެނިހެން ވަސީލަތްތައް ކުއްޔަށްދެވޭ ގޮތަށް ގާއިމު ކުރެވޭނެ އިމާރާތެއް ކަމަށެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ދާރުއްސަލާމް އިމާރާތް ކުރަން ބޭނުންވާ ބިން އިސްލާމިކް މިނިސްޓްރީގެ ބިމެއްގެ ގޮތުގައި މިހާރު ވަނީ ރަޖިސްޓްރީ ކުރެވިފައި ކަމުގަ އެވެ. އިމާރާތް އެޅުމާ ގުޅޭގޮތުން ކެބިނެޓުގައި މަޝްވަރާ ކުރެވި ނަގަން ޖެހޭ ހުއްދަތައް ވަނީ ނަގާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވަގުފު ޕްރޮޖެކްޓާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ޝަހީމް ވިދާޅުވީ އިސްލާމިކް ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ފައިސާ ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ގޮތަށް ލޯނެއްގެ ތެރެއިން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީ އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ޝަހީމް ވިދާޅުވެފައި ވަނީ އިތުރު ވަގުފު ޕްރޮޖެކްޓެއް ކަމަށްވާ ދާރުލްއަރުގަމް ކުރިއަށް ގެންދިއުމަށް މާލެއިން އިތުރު ބިމެއް ރައީސް ވަނީ ހަމަޖައްސަވައި ދެއްވާފައި ކަމަށެވެ. އުންމީދަކީ އެ ޕްރޮޖެކްޓުގެ މަސައްކަތް ވެސް މި އަހަރުގެ ފަހުކޮޅު ފެށިގެން ދިއުން ކަމުގައި ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދާރުލްއަރުގަމް ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބިން ކަނޑައެޅުމާއި ރަޖިސްޓްރޭޝަން މަރުހަލާ މިހާރު ކުރިއަށްދާ ކަމުގަ އެވެ. މިއީ ރައީސް ވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކެއް ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވަނީ މާލެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ދެ ޕްރޮޖެކްޓުގެ އިތުރުން ސިޓީތަކާއި ރަށްރަށުގައި ވަގުފު ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން ސިޓީ އަދި ރަށު ކައުންސިލުތަކާ އެކު މަޝްވަރާ ކުރަމުން އަންނަކަން ފާހަގަކުރައްވާފަ އެވެ.