ads
ބ. އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އަޅަން ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަން އާ ހަވާލުކުރުން - ފޮޓޯ:ކޮންސްޓްރަކްޝަން މިނިސްޓްރީ
އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އަޅަން ޗައިނާ ކުންފުންޏަކަށް
ބ. އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އަޅަން ޗައިނާ ކުންފުންޏަކަށް ހަވާލުކޮށްފި އެވެ.

އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ސައިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ އެވެ.

މަޝްރޫއުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް މިއަދު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ސައިނޯހައިޑްރޯގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ އެމްޑީ ޕޭން ގުއާންޒޫ އެވެ.

މި ފަހުމުނާމާގެ ދަށުން ސައިނޯހައިޑްރޯއިން މި މަޝްރޫއުގެ ޓެކްނިކަލް އަދި ފައިނޭންޝިއަލް ޕްރޮޕޯސަލް ތައްޔާރުކުރާނެ އެވެ.

ރައީސްކަން ލިބިވަޑައިގަތުމަށްފަހު އޭދަފުއްޓަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އެޑްމިނިސްޓްރޭޝަނުގައި އިސްކަންދެއްވާނެ އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅަން ކަނޑައަޅާފައިވާ ހައުސިން ޔުނިޓުތަކުގެ ތެރެއިން އެންމެ ގިނަ ޔުނިޓު އަޅާނެ އެއް ރަށަކަށް އޭދަފުށި ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ، ގެދޮރުވެރިކަމުގެ މި ބޮޑު މައްސަލަ ހައްލުކުރާއިރުގައި، އަޅުގަނޑުމެން ރާއްޖޭގެ އެކި ކަންކޮޅުގައި މާލެ ސަރަހައްދު ފިޔަވައި، އަޅަން ކަނޑައަޅާފައި މިއޮތް ސާޅީސްހާސް ހައުސިން ޔުނިޓުގެ މަޝްރޫއުގައި، އެންމެ އިސްކަން ލިބޭ އެއް ރަށް ކަމުގައި މި ރަށް ހަމަޖެހިގެންދާނެ. ދާއިރާގެ އިއްޒަތްތެރި މެންބަރު މިހާރުވެސް ހައުސިން މިނިސްޓަރާ އެކީގައި އެކަމުގެ މަސައްކަތްތަކެއް އެބަ ކުރިއަށް ގެންދަވާ،" މިދިޔަ މާޗު މަހުގެ ތިންވަނަ ދުވަހުގެ ރޭ އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވެފައި ވަނީ ބަޖެޓުގައި ކަނޑައެޅިފައިވާ މަޝްރޫއަށް އަދި ޑިވެލޮޕަ ފައިނޭންސް މޮޑެލްގެ ތެރެއިންނާ އެކީގައި ރަށަށް ބޭނުންވާ އަދަދަށް ވުރެ މަދު ނުވާވަރުގެ ބޮޑު ހައުސިން މަޝްރޫއެއް އެ ރަށުގައި ހިންގައިދޭނެ ކަމަށެވެ.

އެފަހުން ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި އެޕްރީލުމަހުގެ ފަސްވަނަ ދުވަހު މާލޭގައި ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ހުއްދަތައްދީ، މަޝްރޫއު ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. އެ މަޝްރޫއަކީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ އިސްނެންގެވުމާ އެކު، އެ ރަށުގައި ހިންގުމަށް އޭނާ ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް