މި ބޯޓް ރާއްޖެ ޖެއްސީ މިއަދު ހަވީރުއެވެ. މި ބޯޓް ގެނައުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި ލޯކަލް ގަވާނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި މޯލްޑިވިއަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް އިޔާސް ބައިވެރިވެވަޑައިގަތެވެ.
ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުުނިޔޭގައި އެންމެ މަގުބޫލު އޭޓީއާރްގެ މި ބޯޓުން 42 މީހުންނަށް އެއް ފަހަރާ ދަތުރު ކުރެވޭނެ އެވެ.
ބޯޓު ގެނައުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު އަމީނު ވިދާޅުވީ، މިއަދަކީ އޭވިއޭޝަން އިންޑަސްޓްރީއަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، އެ ބޯޓާ އެކު މޯލްޑިވިއަންގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރެވޭނެ ކަމަށެވެ.
ޑޮމެސްޓިކް ދަތުރުތަކުގެ 90 އިންސައްތަ ހިއްސާ ކުރަނީ މޯލްޑިވިއަނުންކަމަށްވުމުން އެކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަންގެ ދަތުރުތައް ރާއްޖެއިން ބޭރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެންނަ ވައިޑް ބޮޑީ އެއާކްރާފްޓު ގެނައުމުގެ އެއްބަސްވުންތަކުގައި ވަރަށް އަވަހަށް ސޮއި ކުރެވޭނެކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. ކުރިއަށް އޮތް ހަ މަސް ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އާ ހަތް މަންޒިލަކަށް ދަތުުރު ފަށާނެކަމަށް ކުރިން އަމީން ވަނީ ވިދާވެފައެވެ.
އޭޓީއާރްގެ ސަބްސިޑަރީ ކުންފުނި، އީސްޓާން ސަޕޯޓުގެ މެނޭޖިން ޑިރެކްޓަރު އެލެކްޒެންޑްރޯ ލޫޒީ ވިދާޅުވީ، މޯލްޑިވިއަންއާ އެކު އޭޓީއާރުން މަސައްކަތް ފެށީ މީގެ ދެ އަހަރު ކުރިން ކަަމަށާއި، ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގައި އެ ކުންފުންޏަށް ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ރާއްޖެ ގެނައި ބޯޓަކީ އެންމެ ޒަމާނީ އޭވިއޭޝަން ވަސީލަތްތައް ހުންނާނެ މަތިންދާ ބޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލަށް ގެނައި މި އެއާކްރާފްޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 15 ބޯޓު އިތުރުވާނެއެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި ޑޭޝް މަރުކާގެ ބޯޓުތައް ވެސް ހިމެނެއެވެ.