ads
ބޯންމެރޯ ހެދުމަށް ސަރުކާރުން ރާއްޖޭން ބޭރަށް ފޮނުވި ފަސް ކުދީންގެ ތެރެއިން ދެ ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ވަނީ ނިމިފައި: ސަރުކާރު
ހިލޭ ބޯންމެރޯ ހަދަން ފޮނުވި ދެ ކުއްޖެއްގެ އޮޮޕަރޭޝަން ކާމިޔާބު
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރުގައި ތިބި 5 ކުދިންގެ ތެރެއިން ދެ ކުދިންގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަހާ ގުޅިގެން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެ ކުދިން މިހާރު ތިބީ އެކޮމޮޑޭޝަންގައި ކަމަށާއި ހާލުވެސް ވެސް ރަނގަޅު ކަމަށެވެ. އަދި ބާކީ ތިބި ތިން ކުދިންގެ އޮޕަރޭޝަންގެ ކަންތައްތައް ވެސް ވަރަަށް އަވަހަށް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭގައި 10 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ސަރުކާރުން ހަދާނެ ކަމަށެވެ. އެގޮތުން އަހަރުގެ މެދު ތެރޭގައި 5 ކުދިން އަދި އަހަރުގެ ފަހު ކޮޅުގައި 5 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށެވެ.

އަދި ސަރުކާރުން ކުރާ މަސައްކަތުން ކޮންމެ އަހަރަކު 10 ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕްލާންޓު ހެދިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ކުރިން ބޯންމެރޯ ޓެސްޓް ހެދުމަށްޓަކައި މެޗްކުރުމަށް ޑޯނާއާ، އަދި އޭގެ އިތުރުން ބަލިމީހާގެ ބޯންމެރޯ ހެދުމަށް މެޗްކުރުމަށް ކުރަން ޖެހޭ ޓެސްޓްތަކަކީ ވަރަށް ދަތިހާލުގައި ކުރާ ކަމެއް. ރާއްޖޭން ބޭރަށް ޕޭޝަންޓާ އަދި އޭގެ އިތުރުން ޑޯނާ، ހަމަ އެއާއެކު ޕޭރެންޓުން ރާއްޖޭޏް ބޭރަށް ގޮސްގެން ނޫނީ ނުކުރެވޭ ޓެސްޓްތަކެއް މީ. އެހެންމާ ފައިސާގެ ގޮތުންނާއި ވަގުތުގެ ގޮތުންނާ ވަރަށް ބޮޑު ގުރުބާނީއެއް ހަގީގަތުގައި ބެލެނިވެރިން ވަމުންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މިދިޔަ މާޗު މަހުގެ ހަތެއްގައި އެންމެ ފުރަތަމަ ކުރެވުނު ބޯންމެރޯ ޓެސްޓް 13 ފަރާތެއް ހަދާފައިވާ ކަމަށެވެ. އަދި އެއީ ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ސަރަހައްދުގައި ނިސްބަތުން އެންމެ ގިނަ ތެލެސީމިއާ ބަލި މީހުން ތިބީ ދިވެހިރާއްޖޭގައެވެ. މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި 659 ތެލެސީމިއާ ޕޭޝަންޓުން އުޅެއެވެ. 

މި ސަރުކާރުން ވަނީ ފަސް އަހަރުގެ ތެރޭގައި ތެލަސީމިއާ ބަލީގެ 50 ކުއްޖަކަށް ބޯންމެރޯޓްރާންސްޕްލާންޓް ހަދައިދޭން ވެސް ނިންމައިފަ އެވެ. އެއީ އަހަރަކު 10 ކުދިންނަށެވެ. އަދި އެކަމަށް ޒަކާތު ފަންޑުން އެހީވާނެ އެވެ. މީގެ އިތުރުން ތެލަސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ހަދަން ވެސް ވަނީ ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް