މެޑިކަލް އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ހާއްސަކޮށް ޑޮކްޓަރުންނަށް އަމާޒުކޮށްގެން ސިއްހީ ހިދުމަތްތެރިންގެ އަގުހުރި ހިދުމަތުގެ އަގު ވެއްޓި ސިއްހީ ދާއިރާއިން ހިދުމަތްތަކާ މެދު އިތުބާރު ގެއްލޭގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރައި ފޮޓޯ އާއްމުކުރުން ފަދަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ހަމައެއާއެކު، މިހާރު ވެސް ސިއްހީ ހިދުމަތްތެރިންގެ މަސައްކަތަށް އެތައް ގޮންޖެހުމެއް ހުރިކަން ފާހަގަކޮށް އެ އެސޯސިއޭޝަނުން ބުނީ އޭގެ ސަބަބުން އެ ހިދުމަތްތެރިންގެ ހިތުގައި އިތުރު މާޔޫސްކަމެއް އުފެދި ރަނގަޅު ހިދުމަތްތެރިން ހިދުމަތުގައި ދަމަހައްޓަން ދަތިވާނެ ކަމަށެވެ.
ޑޮކްޓަރުންނަށާއި ނަރުހުންނަށް ބިރު ދައްކައި، އަގު ވައްޓައިލުމުގެ ގޮތުން ސޯޝަލް މީޑިއާގައި މީގެ ކުރިން ވެސް ބައެއް އާންމުން ޕޯސްޓުތައް ޖަހައިފައިވެ އެވެ. އާންމުކޮށް އެ ފަދަ ޕޯސްޓުތައް ޖަހަނީ ހޮސްޕިޓަލުން ދޭ ހިދުމަތަކާމެދު ނުރުހުންވުމުންނެވެ.
ނަމަވެސް އެ ފަދަ އެއްވެސް މައްސަލައެއް ހުށަހަޅަން ޖެހޭ ގޮތަށް ރަސްމީކޮށް ހުށަހެޅުމުން ބަލާނެކަމަށް މި ފަހުން ފެންމަތިވި މައްސަލައާ ގުޅިގެން އައިޖީއެމްއެޗުން ބުންޏެވެ.