ads
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ބައްދަލު ކުރެއްވުން-- ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެއާއި އިންޑިޔާގެ ހާރިޖީ ވަޒީރުންގެ ރަސްމީ ބައްދަލުވުން ބާއްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުގައި ޒަމިރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި ފޮރިން މިނިސްޓަރު ޒަމީރު ދިއްލީ އަށް ވަޑައިގަތީ ރޭގަ އެވެ.

ފޮރިން މިނިސްޓަރު ވަޒީރު މޫސާ ޒަމީރުއާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރާއި ދެބޭފުޅުން ބައްދަލުކުރައްވައި ބައިލެޓްރަލް ބައްދަލުކުރެއްވުން ބާއްވާފައިވަނީ ނިއުދިއްލީގެ އައިޓީސީ މޫރިއާ ހޮޓެލްގައެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ އެމްބެސަޑަރުންނާއި ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އެއަށްފަހު ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ވަނީ ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެ ގައުމަށްވެސް ފައިދާވާ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް ވަނީ މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ފައްޓަވަމުން އެންމެ ފުރަތަމަ ވެސް ޖައިޝަންކަރު ހަނދާންކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ވެދިން އެހީތަކުގެ ވާހަކަ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

"ވަރަށް ގާތް ދެ އަވަށްޓެރިންގެ ގޮތުގައި، ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ ދެ ގައުމަށް ވެސް މުހިންމު ކަންކަމުގެ މައްޗަށް،" ޖައިޝަންކަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެ ތަރައްގީކޮށްދިނުމުގައި އެންމެ ގާތް އެއް ބައިވެރިޔާ ކަމަށެވެ. އެގޮތުން އިންޑިއާއިން ރާއްޖޭގައި ހިންގި މަޝްރޫއުތަކުގެ ސަބަބުން ދިވެހީންނަށް ގިނަ ފައިދާތަކެއް ލިބުނު ކަމަށާއި، ދިވެހީންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވައިފައިވާ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

މިއީ މި ސަރުކާރުގެ އިސް ބޭފުޅަކު އިންޑިއާއަށް ކުރައްވާނެ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖޭގެ ވެރިން އިންތިހާބުވެވަޑައިގަތުމަށް ފަހު އިންޑިއާއަށް ފުރަތަމަ ދަތުރުފުޅު ކުރެއްވުމުގެ ސަގާފަތާ ފެއަށްޖެހިވަޑައިގެން، ރައީސް މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އަދި އެމަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅަކަށް ވަޑައިގެންނެވީ އިންޑިއާއާ ވާދަވެރި ޗައިނާ އަށެވެ.

ޒަމީރުގެ އިންޑިއާގެ ދަތުރާ އެކު، ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދަން މަގު ކޮށޭނެ ކަމުގެ އުންމީދު ކުރައްވާއިރު، މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާ އަށް ފުރައްސާރަވާ ގޮތަށް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އެ މައްސަލާގައި އެ ތިން ބޭފުޅުން އަދިވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

your imageފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރާ ބައްދަލު ކުރައްވަނީ ފޮޓޯ/ޒަމީރު، އެކްސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފަހުން، އިންޑިއާއާއެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އޭގެ އެއް ސަބަބަކީ ރާއްޖޭގައި ހަރަކާތްތެރިވަމުން އައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުވުމަށް ސަރުކާރުން މަސައްކަތް ފެށުމެވެ.

ޒަމީރު އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް އިންޑިއާއަށް އުޅުއްވާވާއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު ހުކުރު ދުވަހުގެ ކުރިން ފުރާނެ ކަމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ސަރުކާރުން ބުނި ގޮތުގައި މިހާތަނަށް ފުރުވާލި ދެ ބެޗުގައި 51 ސިފައިން ވަނީ ފޮނުވާލާފަ އެވެ.

ފޮރިން މިނިސްޓަރު ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިއްލީގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އިންޑިއާގަ ދިރިއުޅޭ ދިވެހިންނާވެސް ވަޒީރުގެ މިދަތުރުފުޅުގައި ބައްދަލުކުރައްވާނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް